Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް އަޅަންޖެހޭ: މައުމޫން

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް އަޅަންޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިހެން ވިދާޅުވެފައިމިވަނީ ހަފްތާއެއްގެ ތެރޭގައި މި ބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު 249 އަށް އަރާފައިވާ ދަނޑިވަޅެއްގައި ކުރެއްވި ޓްވީޓެއްގައެވެ.

"އަސްލުވެސް، އަޅުގަނޑުމެން މާބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭ" މައުމޫން ވިދާޅުވިއެވެ.

ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ މައުމޫން ނިސްބަތްވެ ވަޑައިގަންނަވާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ދާދިފަހުން ވަނީ ސަރުކާރުން ދެއްވާފައިވާ ލުއިތަކަށް ބަދަލު ގެނެސް، އެއަށް ވުރެ ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ.

"މިނިވަން ދުވަސް އައިރު ރައްޔިތުންނަށް މިވަނީ، މިނިވަންކަމާއެކު އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭ ހާލަތާއި ގޮތް ނެތިފައި އެކަމުގެ ދަތިތަކާއި ކުރިމަތިލާން ޖެހިފައި. މި ހާލަތު ރަނގަޅު ކުރުމަށާއި ރައްޔިތުންނަށް ފަސޭހަ ގޮތްތަށް ފަހިކޮށްދިނުމުގައި ސަރުކާރުން ހަމަޖައްސާފައިވާ އިންތިޒާމުތައް މިހާރަށް ވުރެ ހަރުދަނާ ކުރުން މުހިއްމު ކަމަށް ދެކެން" އެމްއާރްއެމް އިން ބުންޏެވެ.

އެމްއާރްއެމް އިން މިކަމަށް ގޮވާލާފައިވާއިރު އިއްޔެ އެކަނި ވެސް ރާއްޖެއިން 67 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 43 މީހުންނަކީ ދިވެހިންނެވެ.