Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ސަރުކާރުގެ އިސްތިއުފާއަށް ގޮވައި، އިދިކޮޅުގެ މުޒާހަރާ ފަށައިފި

ސަރުކާރުގެ އިސްތިއުފާއަށް ގޮވައި، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މާލޭގައި މުޒާހަރާ ފަށައިފި އެވެ.

އިދިކޮޅުން މުޒާހަރާ ކުރަމުން އަންނަނީ ޗާންދަނީ މަގު ޖަންކްޝަންގައެވެ. މުޒާހަރާ ކުރިއަށްދާ ސަރަހައްދުގައި އިދިކޮޅު ކޯލިޝަނުގެ ލީޑަޝިޕްގެ ބޭފުޅުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މިރޭގެ މުޒާހަރާގެ ބައިވެރިން ވެސް އަންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާ އަށާއި، ވައުދުތައް ފުއްދުމަށާއި ރައްޔިތުންނަށް އަނިޔާ ނުކުރުމަށް ގޮވާލަމުންނެވެ. އަދި ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ވެސް މުޒާހަރާގެ ބައިވެރިން އަންނަނީ ގޮވާލަމުންނެވެ.

މީގެއިތުރުން އިންސާފު ގާއިމުކުރުމަށާއި، ފަނޑިޔާރުންނަށާއި މިނިވަން މުއައްސަސާތަކަށް ބިރު ދެއްކުން ހުއްޓާލަން ވެސް އިދިކޮޅުގެ މުޒާހަރާގެ ބައިވެރިން އަންނަނީ ގޮވާލަމުންނެވެ.

މުޒާހަރާ ކުރިއަށްދާ ސަރަހައްދުގައި ފުލުހުން ވެސް ހަރަކާތްތެރިވަމުންދާއިރު، މުޒާހަރާގެ ތެރެއިން މިހާތަނަށް ވަނީ އެކަކު ހައްޔަރުކޮށްފައެވެ.

އިދިކޮޅުން މިދިޔަ އާދީއްތަ ދުވަހު ވެސް މިފަދަ މުޒާހަރާއެއް ކޮށްފައިވާއިރު، ފުލުހުން މިރޭ ވަނީ މި މުޒާހަރާ ފެށުމުގެ ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުންދާތީ މި ހާލަތާއި އެކަށީގެންވާ ގޮތްތައް ބޭނުންކޮށްގެން ހިޔާލުފާޅުކުރަން އިލްތިމާސްކޮށްފައެވެ.

އިދިކޮޅުން މިރޭ ވެސް މުޒާހަރާއެއް ބާއްވަމުން އަންނައިރު ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭ އިން ވަނީ 30 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅޭ ހަރަކާތްތައް މަނާކޮށްފަ އެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ވެސް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.