Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

ޕެޕާ ސްޕްރޭގެ އަސަރުކޮށްގެން ސައީދަށް ހޮސްޕިޓަލުގައި ފަރުވާދެނީ

އިދިކޮޅު ކޯލިޝަނުން މިރޭ މާލޭގައި ބާއްވާ މުޒާހަރާގެ ތެރެއިން ޕެޕާ ސްޕްރޭގެ އަސަރުކޮށްގެން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ސައީދަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ ޕެޕާ ސްޕްރޭގެ އަސަރުކޮށްގެން ނޭވާލާން އުނދަގޫވުމާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ސައީދަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު މިރޭގެ މުޒާހަރާގެ ތެރެއިން ޕީއެންސީގެ ކައުންސިލު މެންބަރު އަޙްމަދު ނަރީޝު ވަނީ ހައްޔަރުކޮށްފައެވެ.

މުޒާހަރާ މިރެޔަށް ނިންމާލާފައިވާއިރު މުޒާހަރާގެ ބައިވެރިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާ އަށާއި، ވައުދުތައް ފުއްދުމަށާއި ރައްޔިތުންނަށް އަނިޔާ ނުކުރުމަށް ގޮލާފާފައެވެ. އަދި ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

މީގެއިތުރުން އިންސާފު ގާއިމުކުރުމަށާއި، ފަނޑިޔާރުންނަށާއި މިނިވަން މުއައްސަސާތަކަށް ބިރު ދެއްކުން ހުއްޓާލަން ވެސް އިދިކޮޅުގެ މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

އިދިކޮޅުން މިދިޔަ އާދީއްތަ ދުވަހު ވެސް މިފަދަ މުޒާހަރާއެއް ކޮށްފައިވާއިރު، ފުލުހުން މިރޭ ވަނީ މި މުޒާހަރާ ފެށުމުގެ ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުންދާތީ މި ހާލަތާއި އެކަށީގެންވާ ގޮތްތައް ބޭނުންކޮށްގެން ހިޔާލުފާޅުކުރަން އިލްތިމާސްކޮށްފައެވެ.

އިދިކޮޅުން މިރޭ ވެސް މުޒާހަރާއެއް ބޭއްވިއިރު ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭ އިން ވަނީ 30 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅޭ ހަރަކާތްތައް މަނާކޮށްފަ އެވެ.