Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ކުޅުޖެހީ އެހެން ބަޔަކު، ސީޕީ ހަމީދު ސިޔާސީ ސްޓަންޓު ނުޖައްސަވާ: ޝިޔާމް

އަހުމަދު ޝިޔާމް - ފޮޓޯ: މަޖިލިސް

އިދިކޮޅު ކޯލިޝަނުން ރޭ މާލޭގައި ބޭއްވި މުޒާހަރާގައި ބައިވެރިވި މީހަކު ދެ ފުލުހެއްގެ ގަޔަށް ކުޅު ޖެހި ކަމަށް ބުނާ ވާހަކަތައް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ދޮގުކުރައްވައިފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ދެ ފުލުހަކު ޑިއުޓީ އަދާކުރަމުންދަނިކޮށް އެ މީހުންގެ ގަޔަށް މުޒަހާރާގައި ބައިވެރިވި މީހަކު ކުޅު ޖަހާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

މި ވާހަކަތަކާ ގުޅިގެން ޝިޔާމް ވިދާޅުވީ މި ހަޑިމުޑުދާރު ޢަމަލަކީ އެހެން ބަޔަކު ރާވައިގެން ހިންގާފައިވާ ކަމެއް ކަމަށެވެ. އަދި މިކަން ހިނގާފައިވަނީ ފުލުހުންނަށް ވެސް އެނގިގެން ކަމަށާއި، އިހުތިޖާޖް ފެށުމުގެ ކުރިންވެސް މިފަދަ ޢަމަލެއް ހިނގަން އުޅޭކަން ފުލުހެއްގެ ފަރާތުން މަޢުލޫމާތު ލިބުނު ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އިހުތިޖާޖު ފެށުމުގެ ކުރިން 20:22 ގައި ފުލުސް އޮފިސަރަކު އަޅުގަނޑު ޗާންދަނީ މަގު ދުވާރު މަތީ ހުއްޓާ ވަޑައިގެން ވިދާޅުވީ، ސަރ މެން މިރޭ ނިންމާފަ އޮތީ ކުޅު ތަޅަން ކަމަށް މަޢުލޫމާތު ލިބެއޭ. އަޅުގަނޑު ދެންނެވިން އަޅުގަނޑުމެންނަކީ ދިވެހި ފުލުހުންނަށް ވަރަށް އިޚްތިރާމްކުރާ ބައެކޭ. އެފަދަ ކަމެއް ކުރާނެ އަދި އެފަދަ ކަމަކަށް ހިތްވަރު ދޭނެ ބައެއްވެސް ނޫނޭ ޔަޤީންކުރައްވާށޭ" ޝިޔާމް ވިދާޅުވިއެވެ.

އަދި ސީޕީ ހަމީދު ސިޔާސީ ސްޓަންޓު ޖައްސަވަން ނޫޅުއްވުމަށާއި މާލެ ވަށައި ސީސީޓީވީ ކެމެރާ ހުންނާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

"ބަލާފައި ތިފަދަ މުޑުދާރު އަމަލު ހިންގި ފަރާތް ހިފާ ހައްޔަރުކުރޭ. ތިއީ އިންސާނުން މަޖަލަކަށް ވެސް ކުރާވަރު ކަމެއް ނޫން" ޝިޔާމް ވިދާޅުވިއެވެ.

ރޭ ބޭއްވި މުޒާހަރާގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، ޕެޕާ ސްޕްރޭގެ އަސަރުކޮށްގެން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.