Last Updated: April 23, 11:36
Tuesday, April 23, 2024
ޚަބަރު

ފުލުހުންގެ ގަޔަށް ކުޅުޖެހި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ

ކުރީގެ ރައީސް މައުމޫން -- ފޮޓޯ / ސަން

ރޭ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ދެ ފުލުހެއްގެ ގަޔަށް ކުޅުޖެހި މީހުން އިންސާފުގެ ކުރިމައްޗަށް ގެނަންޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ދެ ފުލުހަކު ޑިއުޓީ އަދާކުރަމުންދަނިކޮށް އެ މީހުންގެ ގަޔަށް މުޒަހާރާގައި ބައިވެރިވި މީހަކު ކުޅު ޖަހާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ނާތަހުޒީބު އަމަލު ކުށްވެރި ކުރާ ކަމަށާއި މިކަން ކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ކަމަށެވެ.

ދެ ފުލުހެއްގެ ގަޔަށް ކުޅު ޖެހި މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ވަނީ އެކަންކުރީ މުޒާހަރާގެ ބައިވެރިން ނޫން ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މި ހަޑިމުޑުދާރު ޢަމަލަކީ އެހެން ބަޔަކު ރާވައިގެން ހިންގާފައިވާ ކަމެއް ކަމަށެވެ. އަދި މިކަން ހިނގާފައިވަނީ ފުލުހުންނަށް ވެސް އެނގިގެން ކަމަށާއި، އިހުތިޖާޖް ފެށުމުގެ ކުރިންވެސް މިފަދަ ޢަމަލެއް ހިނގަން އުޅޭކަން ފުލުހެއްގެ ފަރާތުން މަޢުލޫމާތު ލިބުނު ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އިހުތިޖާޖު ފެށުމުގެ ކުރިން 20:22 ގައި ފުލުސް އޮފިސަރަކު އަޅުގަނޑު ޗާންދަނީ މަގު ދުވާރު މަތީ ހުއްޓާ ވަޑައިގެން ވިދާޅުވީ، ސަރ މެން މިރޭ ނިންމާފަ އޮތީ ކުޅު ތަޅަން ކަމަށް މަޢުލޫމާތު ލިބެއޭ. އަޅުގަނޑު ދެންނެވިން އަޅުގަނޑުމެންނަކީ ދިވެހި ފުލުހުންނަށް ވަރަށް އިޚްތިރާމްކުރާ ބައެކޭ. އެފަދަ ކަމެއް ކުރާނެ އަދި އެފަދަ ކަމަކަށް ހިތްވަރު ދޭނެ ބައެއްވެސް ނޫނޭ ޔަޤީންކުރައްވާށޭ" ޝިޔާމް ވިދާޅުވިއެވެ.

އަދި ސީޕީ ހަމީދު ސިޔާސީ ސްޓަންޓު ޖައްސަވަން ނޫޅުއްވުމަށާއި މާލެ ވަށައި ސީސީޓީވީ ކެމެރާ ހުންނާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.