Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު

ސިޔާސީ ހަރަކާތް ހިންގަންވާނީ އިންސާނީ ކަރާމާތަށް އިސްކަންދީގެން

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް - ފޮޓޯ: މުހައްމަދު ޝަރުހާން (ރާއްޖެއެމްވީ)

ސިޔާސީ ހަރަކާތް ހިންގަންވާނީ އިންސާނީ ކަރާމާތަށް އިސްކަންދީގެން ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އަކްރަމް މިހެން ވިދާޅުވެފައިމިވަނީ އިދިކޮޅު ކޯލިޝަނުން ރޭ މާލޭގައި ބޭއްވި މުޒާހަރާގައި ބައިވެރިވި މީހަކު ދެ ފުލުހެއްގެ ގަޔަށް ކުޅު ޖެހި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން އަކްރަމް ވިދާޅުވީ ކޮވިޑްގެ ހާލަތު ގޯހުން ގޯހަށް ދާއިރު މި ހާލަތު ރަނގަޅު ކުރުމަށް އެންމެން އެކުގައި ތެދުވަން ޖެހޭ ކަމަށެވެ.

އަދި ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތް ހިންގަންވާނީ ޤާނޫނުތަކާއި ގަވައިދު ތަކަށް ބޯލަނބައި އިންސާނީ ކަރާމާތާއި ސަލާމަތަށް އިސްކަންދީގެން ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ދެ ފުލުހަކު ޑިއުޓީ އަދާކުރަމުންދަނިކޮށް އެ މީހުންގެ ގަޔަށް މުޒަހާރާގައި ބައިވެރިވި މީހަކު ކުޅު ޖަހާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ނަމަވެސް ދެ ފުލުހެއްގެ ގަޔަށް ކުޅު ޖެހި މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ވަނީ އެކަންކުރީ މުޒާހަރާގެ ބައިވެރިން ނޫން ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މި ހަޑިމުޑުދާރު ޢަމަލަކީ އެހެން ބަޔަކު ރާވައިގެން ހިންގާފައިވާ ކަމެއް ކަމަށެވެ. އަދި މިކަން ހިނގާފައިވަނީ ފުލުހުންނަށް ވެސް އެނގިގެން ކަމަށާއި، އިހުތިޖާޖް ފެށުމުގެ ކުރިންވެސް މިފަދަ ޢަމަލެއް ހިނގަން އުޅޭކަން ފުލުހެއްގެ ފަރާތުން މަޢުލޫމާތު ލިބުނު ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އަދި ސީޕީ ހަމީދު ސިޔާސީ ސްޓަންޓު ޖައްސަވަން ނޫޅުއްވުމަށާއި މާލެ ވަށައި ސީސީޓީވީ ކެމެރާ ހުންނާނެއިރު އެ ބެލުމަށްފަހު މިކަން ކުރި ބަޔަކު ހައްޔަރުކުރުމަށް ވެސް ޝިޔާމް ވަނީ ގޮވާލާފައެވެ.