Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އަނިޔާވެރިވުމަކީ ނޭވާހޮޅިއަށް އެޅުމުގެ އަލާމާތެއް: ޖަމީލު

އިހުތިޖާޖު ކުރާ ފަރާތްތަކާއި ދެކޮޅަށް އަނިޔާވެރިވުމަކީ ނޭވާހޮޅިއަށް އެޅުމުގެ އަލާމާތެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން ރޭ ވެސް މާލޭގައި މުޒާހަރާއެއް ކުރިއަށް ގެންގޮސްފައިވާއިރު، މި މުޒާހަރާގެ ތެރެއިން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ޕެޕާ ސްޕްރޭގެ އަސަރުކޮށްގެން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގަި ފަރުވާ ވެސް ދީފައެވެ.

ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިހްތިތިޖާޖްގެ ޙައްޤަކީ ސަރުކާރުގެ އޯގާތެރިކަމުން ލިބޭ އެއްޗެއް ނޫން ކަމަށާއި އެއްވެއުޅުން/ޚިޔާލްފާޅުކުރުމުގެ ޙައްޤުގެ މެޑަލްޖަހައިގެން ތިބި ބަޔަކު ބިރުން ސިހި އަނިޔާވެރިވުމަކީ ނޭވާހޮޅިއަށް އެޅުމުގެ އަލާމާތެއް ކަމަށެވެ.

އަދި ފުލުހުން ވެސް އަނިޔާވެރިވެގެން ކުރިއެރުމެއް ނުލިބޭނެ ކަމަށާއި ދުނިޔެއިން ފިލާވަޅު ހޯދުމަށް ވެސް ޖަމީލު ވަނީ ގޮވާލާފައެވެ.

ރޭގެ މުޒާހަރާގެ ބައިވެރިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާ އަށާއި، ވައުދުތައް ފުއްދުމަށާއި ރައްޔިތުންނަށް އަނިޔާ ނުކުރުމަށް ގޮލާފާފައެވެ. އަދި ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

މީގެއިތުރުން އިންސާފު ގާއިމުކުރުމަށާއި، ފަނޑިޔާރުންނަށާއި މިނިވަން މުއައްސަސާތަކަށް ބިރު ދެއްކުން ހުއްޓާލަން ވެސް އިދިކޮޅުގެ މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

އިދިކޮޅުން މިދިޔަ އާދީއްތަ ދުވަހު ވެސް މިފަދަ މުޒާހަރާއެއް ކޮށްފައިވާއިރު، ފުލުހުން ރޭ ވަނީ މި މުޒާހަރާ ފެށުމުގެ ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުންދާތީ މި ހާލަތާއި އެކަށީގެންވާ ގޮތްތައް ބޭނުންކޮށްގެން ހިޔާލުފާޅުކުރަން އިލްތިމާސްކޮށްފައެވެ.

އިދިކޮޅުން ރޭ ވެސް މުޒާހަރާއެއް ބޭއްވިއިރު ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭ އިން ވަނީ 30 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅޭ ހަރަކާތްތައް މަނާކޮށްފަ އެވެ.