Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

މައުމޫންގެ ހައްގުގައި ގައުމު ލޮކްޑައުން ކުރަން އުޅުމަކީ ދެރަކަމެއް

މައުމޫން އަދި ޖާބިރު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހައްގުގައި ގައުމު ލޮކްޑައުން ކުރަން ހިފުމަކީ ދެރަ ކަމެއް ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވެފައިމިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ސަރުކާރުން ދެއްވާފައިވާ ލުއިތަކަށް ބަދަލު ގެނެސް، އެއަށް ވުރެ ހަރުދަނާ ފިޔަވަޅުތައް އެޅުމަށް މައުމޫން ނިސްބަތްވެ ވަޑައިގަންނަވާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.

ޖާބިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައުމޫން ވިދާޅުވެގެން އެމަނިކުފާނުގެ ހައްގުގައި ގައުމު ލޮކްޑައުން ކުރަން ހިފުމަކީ ދެރަ ކަމެއް ކަމަށާއި ގައުމުގެ އިގްތިސާދު ފުނޑޭތަން ބަލަން ނުހުރެވޭނެ ކަމަށެވެ.

"މައުމޫން ލޮކްޑައުނަށް ގޮވާފައި، ދަރި ވެރިކަމަށް ގެންނަން މަގުމައްޗަށް ނެރި މުޒާހަރާގައި" ޖާބިރު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި އިއުލާންކުރި ލޮކްޑައުނަށް ބޮޑު ލުޔެއް ދިނުމާއެކު އަނެއްކާވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން އިއްޔެ 137 މީހަކު ޕޮޒިޓިވް ވިއިރު އޭގެތެރެއިން 92 މީހުންނަކީ ދިވެހިންނެވެ. އިއްޔެ އަކީ ރާއްޖެއިން މިހާތަނަށް އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު އެޗްޕީއޭ އިން ވަނީ 30 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅޭ ހަރަކާތްތައް ބޭއްވުން މަނާކޮށްފަ އެވެ. އަދި ބޭރަށް ނިކުމެ އުޅޭއިރު މާސްކު އެޅުމަށާއި ގައިދުރު ކަމަށް ސަމާލުކަން ދިނުމަށް ތަކުރާރުކޮށް އެޗްޕީއޭ އިން އަންނަނީ އިލްތިމާސް ކުރަމުންނެވެ.