Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

ޕީޕީއެމް އަކީ ފުލުހުންނަށް އިހުތިރާމް ކުރާ ޕާޓީއެއް: ޣައްސާން

ގައްސާން މައުމޫން - ފޮޓޯ: މަޖިލިސް

ޕީޕިއެމް އަކީ ފުލުހުންގެ އަގުވަޒަންކޮށް، އިހުތިރާމް ކުރާނެ ޕާޓީއެއް ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިހެން ވިދާޅުވެފައިމިވަނީ އިދިކޮޅު ކޯލިޝަނުން ރޭ މާލޭގައި ބޭއްވި މުޒާހަރާގައި ބައިވެރިވި މީހަކު ދެ ފުލުހެއްގެ ގަޔަށް ކުޅު ޖެހި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން އިދިކޮޅަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު ގައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންނަށް ދެވޭ ކޮންމެ ހަމަލާއެއް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ފުލުހުންނަށް ފުރައްސާރަކޮށް، އަނިޔާކޮށް، ގާ އުކައި، އަލިފާންބޯޅަ އުކައި، ވަޅިން ހަމަލާދީ ބަޑިން ފުލުހުންނަށް ހަމަލާދޭން އޯޑަރުކޮށް، ސޯޓު ބުރި ލައްވަން އުޅެނީ ކޮން ބައެއްކަން ދިވެހި ރައްޔިތުންނަށް އޮޅިފައި ނޯންނާނެ ކަމަށެވެ.

"ޕީޕީއެމް އަކީ ފުލުހުންގެ އަގުވަޒަން ކުރާ، އިހުތިރާމް ކުރާ ޕާޓީއެއް" ގައްސާން ވިދާޅުވިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ދެ ފުލުހަކު ޑިއުޓީ އަދާކުރަމުންދަނިކޮށް އެ މީހުންގެ ގަޔަށް މުޒަހާރާގައި ބައިވެރިވި މީހަކު ކުޅު ޖަހާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ނަމަވެސް ދެ ފުލުހެއްގެ ގަޔަށް ކުޅު ޖެހި މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ވަނީ އެކަންކުރީ މުޒާހަރާގެ ބައިވެރިން ނޫން ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މި ހަޑިމުޑުދާރު ޢަމަލަކީ އެހެން ބަޔަކު ރާވައިގެން ހިންގާފައިވާ ކަމެއް ކަމަށެވެ. އަދި މިކަން ހިނގާފައިވަނީ ފުލުހުންނަށް ވެސް އެނގިގެން ކަމަށާއި، އިހުތިޖާޖް ފެށުމުގެ ކުރިންވެސް މިފަދަ ޢަމަލެއް ހިނގަން އުޅޭކަން ފުލުހެއްގެ ފަރާތުން މަޢުލޫމާތު ލިބުނު ކަމަށް ޝިޔާމް ވިދާޅުވިއެވެ.