Last Updated: March 29, 18:55
Friday, March 29, 2024
ވިޔަފާރި

އެސްއެމްއީ ބޭންކުން 198 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ކުދި ވިޔަފާރިތަކަށް އެހީވުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް މިހާތަނަށް 198 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 27 ވަނަ ދުވަހާއި ހަމައަށް ލޯނުގެ ގޮތުގައި 1427 ފަރާތަކަށް 198 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެެ.

އަދި ލޯނަށް އެދި 2983 ފަރާތަކުން ހުށަހަޅާފައިވާއިރު، މީގެތެރެއިން ލޯން ދިނުމަށް މިހާތަނަށް ނިންމާފައިވަނީ 1711 ފަރާތަަކަށެވެ. އެއީ ޖުމްލަ 301 މިލިއަން ރުފިޔާގެ ލޯނެވެ. ލޯނަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން 432 ފަރާތަކަށް ލޯން ހަމަޖެހިފައެއް ނުވެއެވެ.

ލޯން ދޫކުރުމަށް ހަމަޖެހިފައިވާ ވަކިވަކި ދާއިރާތަކަށް ބަލާލާއިރު، އެންމެ ގިނަ އަދަދަކަށް ލޯން ހަމަޖެހިފައިވަނީ މުދާ ވިއްކުމުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށެވެ. އެގޮތުން އެފަދަ 658 ވިޔަފާރިއަކަށް 156.1 މިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ބަޔަކަށް ލޯން ހަމަޖެހިފައިވަނީ އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށެވެ. އެގޮތުން އަމިއްލަ މަސައްކަތް ކުރާ 494 ފަރާތަކަަށް 14.7 މިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ވަނީ ނިންމާފައެވެ.

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އިއުލާންކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖުގެ ދަށުން އެސްޑީއެފްސީން ލޯނު ދޫކުރާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ވިޔަފާރިތަކަށް އަހަރަކު 10 މިލިއަނުން ދަށުގެ އާމްދަނީގެ ވިޔަފާރިތަކަށެވެ.