Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ސިޔާސީ އެއްވުންތައް އެޗްޕީއޭގެ އެންގުންތަކާއި އެއްގޮތަށް ބޭއްވުމަށް އީސީން އެދިއްޖެ

ސިޔާސީ ޕާޓީތަކުން ބާއްވާ އެއްވުންތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުންތަކާއި އެއްގޮތަށް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެދިއްޖެއެވެ.

އިލެކްޝަނުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެއްވުންތައް ބޭއްވުމަކީ މުހިއްމު ކަމެއް ކަމަށާއި ނަމަވެސް ސިޔާސީ ކޮންމެ ހަރަކާތެއް ވެސް ބާއްވަން ޖެހޭނީ ގާނޫނުއަސާސީ އަދި ގާނޫނުތަކާއި ވެސް އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ކޮވިޑް19 ގެ ނުރައްކާތެރިކަން އަދިވެސް ރާއްޖޭގައި އޮތްއިރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އަންނަ މަހުގެ 7ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް އިލެކްޝަނުން ބުނެފައިވެއެވެ.

އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޔާސީ ހަރަކާތް ހިންގަންވާޏީ އެޗްޕީއޭގެ އެންގުންތަކާ އެއްގޮތަށް ކަމަށް ހިންގުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް އިލްތިމާސްކޮށްފައެވެ.

އިލެކްޝަނުން މިފަދައިން ބުނެފައި މިވަނީ އިދިކޮޅު ކޯލިޝަނުން ރޭ މާލޭގައި ބޭއްވި މުޒާހަރާގައި ބައިވެރިވި މީހަކު ދެ ފުލުހެއްގެ ގަޔަށް ކުޅު ޖެހި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.