Last Updated: April 26, 15:02
Friday, April 26, 2024
ދުނިޔެ

ހައްޖު ހުތުބާ: ދިރިއުޅުމުގައި ދިމާވާ ދަތިތަކަކީ މާތްﷲ ގެ އިމްތިހާނެއް

ކޮންމެ އިންސާނެއްގެ ދިރިއުޅުމުގައި ވެސް ދިމާވާ ދަތިތަކަކީ މާތްﷲ ގެ އިމްތިހާނެއްކަން ހަނދާން ކުރަންޖެހޭނެ ކަމަށް ހައްޖު ހުތުބާގައި ބުނެފިއެވެ.

ހައްޖު ހުތުބާ މިފަހަރު ދެެއްވީ ޝައިހް އަބްދުﷲ ބިން ސުލައިމާން އެވެ.

އަރަފާތު ބިމުގައި މިއަދު އިއްވި ހައްޖު ހުތުބާގައި ޝައިހް ވިދާޅުވީ ތެދު މަގުގައި ސާބިތުވެ އަދި ކެތްތެރިވާ މީހުންނަށް މާތްﷲ ހެޔޮ ގޮތް މިންވަރު ކުރައްވާނެ ކަމަށާއި މި ދުނިޔެވީ ހަޔާތުގައި ދިމާވާ ދަތިތަކަކީ މާތްﷲ ގެ އިމްތިހާނެއް ކަމަށެވެ.

އަދި ދިރިއުޅުމުގައި ދިމާވާ ދަތިތަކުން އަރައިގަތުމަށް އޮތް ހަމައެކަނި ގޮތަކީ މާތްﷲ އަށް އަދާކުރަންޖެހޭ އަޅުކަންތައް އަދާކޮށްގެން ކަމަށްވެސް ޝައިހް ވިދާޅުވިއެވެ.

"އުނދަގޫތަކާއި ދަތިތަކުން އަރައިގަތުމަށް އޮތް ހަމައެކަނި މަގަކީ އަޅުކަންތައް އަދާކުރުން" ޝައިހް ވިދާޅުވިއެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަން ޖެހިފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ކަމަށްވާއިރު ހައްޖު ހުތުބާގައި ވަނީ މި ބަލިން ރައްކާތެރިވުމަށް މުސްލިމުން ފިޔަވަޅުތައް އެޅުމަށް ވެސް ގޮވާލާފައެވެ. އެގޮތުން ބަލި ފެތުރެމުންދާ ސަރަހައްދުތަކަށް ނުދިޔުމަށް ގޮވާލަމުން ޝައިހް ވަނީ މި ބަލިމަޑުކަމުން ސަލާމަތްކޮށްދެއްވުމަށް އެދި ދުއާ ދަންނަވާފައެވެ.

މީގެއިތުރުން މި ހުތުބާގައި ވަނީ މުސްލިމު އުއްމަތް އެއްބައިވަންތަވުމަށް ވެސް އިލްތިމާސްކޮށްފައެވެ. އެގޮތުން މުސްލިމުންގެ މިސާލަކީ އެއް ހަށިގަނޑުގެ މިސާލުކަން ފާހަގަކުރައްވަމުން ޝައިހް ވަނީ ހަމަޖެހުމާއި ސަލާމަތްތެރިކަން އޮތީ ދީނުގައި އަންގަވާފައިވާ ގޮތަށް އުޅެގެން ކަމަށްވެސް ވިދާޅުވެފައެވެ.

އެގޮތުން މުސްލިމުން ދީނުގައި އަންގަފާއިވާ ގޮތަށް އުޅުމަށާއި ކާމިޔާބު ހަޔާތެއް ލިބޭނެ ހަމައެކަނި މަގަކީ އެއީ ކަމަށްވެސް މިއަދުގެ ހައްޖު ހުތުބާގައި ވަނީ ވިދާޅުވެފައެވެ.

އެހެން އަހަރުތަކާއި ހިލާފަށް ކޮވިޑް-19 ގެ ސަބަބުން މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވަނީ ގާތްގަނޑަކަށް 10،000 މީހުންނަށެވެ. ހައްޖުގެ އަޅުކަން މިއަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސިއްހީ ރައްކާތެރިކަމަށް ވަރަށް ބޮޑަށް އިސްކަންދީގެންނެވެ.

ހައްޖުގެ އަޅުކަމުގައި އުމުރުން 65 އަހަރުގެ މީހުންނަށާއި ބޮޑެތި ބަލިތަކަށް ބޭސްކުރަމުންދާ މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ނުދިނުމަށް ނިންމާފައިވާއިރު، ހައްޖުގެ އަޅުކަން ފެށުމުގެ ކުރިން ކޮވިޑް-19 އަށް ހައްޖާޖީން ޓެސްޓުކޮށްފައިވެއެވެ. އެގޮތުން އެއްވެސް ހައްޖާޖީއަކު މި ބައްޔަށް ޕޮޒިޓިވް ވެފައި ނުވާ ކަމަށް ސައުދީގެ ހެލްތު މިނިސްޓްރީން ބުނެއެވެ.