Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ކުރީގައި އޮތް އިގްތިސާދީ ދުވެލި ރާއްޖެއަށް އަނބުރާ ހޯދޭނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ކޮވިޑް-19 ގެ މި ހާލަތުން އަރައިގަނެ، ކުރީގައި އޮތް އިގްތިސާދީ ދުވެލި ރާއްޖެ އަށް އަލުން އަނބުރާ ހޯދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ބޮޑު ޢީދާއި ގުޅިގެން އާންމު ކުރެއްވި ތަހުނިޔާގެ މެސެޖެއްގައެވެ.

އެގޮތުން ނަޝީދު ވިދާޅުވީ މި އީދު ވެސް މި ބައްދަލުކުރަނީ ރޯގާގެ އުނދަގުލުގައި ނުވަތަ ރޯގާގެ ކަންބޮޑުވުމުގައި އެންމެން ވެސް ވަނިކޮށް ކަމަށެވެ. އަދި ރޯގާގެ ސަބަބުން އިގްތިސާދު ބަންދުވެ، ގައުމުތަކާއި ވިޔަފާރިތައް ވެސް ހުއްޓުމުން ރާއްޖޭގެ ރައްޔިތުންނަށް ވެސް ވަރަށް ބޮޑު އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރުގެ ބުރަ މަސައްކަތަކާއެކު މިދިޔަ އަހަރު ނިމުނުއިރު އޮތް އިގްތިސާދީ ދުވެލި އަލުން އަނބުރާ ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ޔަގީން ކަށަވަރު ސަރުކާރުގެ ބުރަ މަސައްކަތުން، ރާއްޖެ އަށް އަލުން އަނބުރާ 2019 ވަނަ އަހަރު ނިމުނުއިރު އޮތް އިގްތިސާދީ ދުވެލި ހޯދޭނެ" ނަޝީދު ވިދާޅުވިއެވެ.

މި އީދު އުފަލާއެކު ހޭދަކުރެއްވުމަށާއި ސަރުކާރުން ވެސް އަދި ރައްޔިތުންގެ މަޖިލީހުން ވެސް މަސައްކަތް ކުރާނީ ދިވެހިންގެ ލާބަޔާއި މަންފާ އަށް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.