Last Updated: April 26, 18:07
Friday, April 26, 2024
ދުނިޔެ

ސައުދީ ރަސްގެފާނު ހޮސްޕިޓަލުން ދޫކޮށްލައިފި

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ސައުދީ ރަސްގެފާނު ހޮސްޕިޓަލުގައި އެޑްމިޓް ކުރެއްވީ ގޯލްބްލެޑާ ނަގަން އޮޕަރޭޝަނެއް ކުރެއްވުމުގެ ގޮތުންނެވެ.

އެ އޮޕަރޭޝަން ކާމިޔާބު ކަމަށް ސައުދީގެ ދައުލަތުގެ މީޑިއާ އިން ބުނާއިރު، ރަސްގެފާނު ސަލްމާން ހޮސްޕިޓަލުން ދޫކޮށްލެވީ ރޭގެ ވަގުތެއްގައެވެ.

ހޮސްޕިޓަލުގައި 10 ދުވަސް ވަންދެން ރަސްގެފާނު އޮންނެވިއިރު، ހޮސްޕިޓަލުގައި އޮންނަވައިގެން އޮންލައިންކޮށް ސަރުކާރުގެ މުހިއްމު ބައެއް ބައްދަލުވުންތައް ވަނީ ބާއްވާފައެވެ.

2015 އަހަރުން ފެށިގެން ސައުދީ ރަސްކަމުގެ ތަހުތުގައި ހުންނެވި ސަލްމާން މީގެކުރިން ވަނީ ސައުދީގެ ކްރައުން ޕްރިންސް އާއި ބޮޑުވަޒީރުގެ ނައިބުގެ މަގާމު އަދާކުރައްވާފައެވެ. އަދި ސައުދީގެ ވެރިރަށް ރިޔާޟުގެ ގަވަރުނަރުކަން ސަލްމާން ވަނީ 50 އަހަރަށް ވުރެ ގިނަ ދުވަހަށް ކުރައްވާފައެވެ.

ސަލްމާނަށް ފަހު ސައުދީގެ ރަސްކަމާ ހަވާލުވެ ވަޑައިގަންނަވާނީ ދަރިކަލުން މުހައްމަދު ބިން ސަލްމާން އެވެ.