Last Updated: April 26, 11:19
Friday, April 26, 2024
ދުނިޔެ

ވިއެޓްނާމުން ކޮވިޑް ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ

ވިއެޓްނާމުން ކޮވިޑް-19 ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ.

ވިއެޓްނާމުގެ ދައުލަތުގެ މީޑިއާ އިން ބުނެފައިވާ ގޮތުގައި ކޮވިޑް ޖެހިގެން އެ ގައުމުން މަރުވެފައިވަނީ އުމުރުން 70 އަހަރުގެ ފިރިހެނެކެވެ.

95 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވިއެޓްނާމުން ވަނީ އެގައުމުން ކޮވިޑަށް މީހަކު ޕޮޒިޓިވްވުމުގެ މާކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެގޮތުން ބޯޑަރު ބަންދުކޮށް، އެގައުމަށް އެތެރެވާ މީހުން 14 ދުވަހަށް ކަރަންޓީނުވާން ޖެހޭ ގޮތަށް ވަނީ ހަދާފައެވެ.

ދުރާލާއި ވިއެޓްނާމުން އެޅި ފިޔަވަޅުތަކަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވާއިރު، މި ހަފްތާގެ ކުރީކޮޅު އެގައުމުން ވަނީ އަނެއްކާވެސް ކޭސްތައް ތަންކޮޅެއް ގިނަ އަދަދަކަށް ފެންނަން ފަށާފައެވެ. އެގޮތުން ކޭސްތައް ގިނައިން ފެންނަން ފަށާފައިވަނީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށްވާ ޑަނަންގް ސިޓީންނެވެ.

އެގޮތުން މިއަދުވެސް 45 ކޭސް ވިއެޓްނާމުން ރިޕޯޓުކޮށްފައިވާއިރު، މިއީ ކޭސްތައް އެންމެ ގިނައިން ފެނުނު ދުވަހެވެ. މި 45 މީހުންނާއެކު އެގައުމުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 509 އަށް އަރާފައެވެ.