Last Updated: August 15, 16:19
Saturday, August 15, 2020
ޚަބަރު

އިދިކޮޅު ލީޑަރަކީ ރައީސް ޔާމީން: އަދުރޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީއެންސީ

އިދިކޮޅު ލީޑަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވެފައިމިވަނީ އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާ ކުރެވޭނީ އިދިކޮޅު ލީޑަރަކީ ކޮބައިކަން ސާފުވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ގެ ޖޮއިންޓު ކައުންސިލްގެ އިއްތިފާގުން ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަންގެ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓު ކަނޑައަޅައި ނިންމާފައި ކަމަށެވެ.

"އެއީ ރައީސް އަބްދުﷲ ޔާމީން. އަދި އިދިކޮޅު ލީޑަރަކީ ވެސް ރައީސް ޔާމީން" އަދުރޭ ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވާފައިވާއިރު، އިދިކޮޅުން ވަނީ މަޝްވަރާ އަށް ތައްޔާރަށް އޮތް ކަމަށް ބުނެފައެވެ.

އިދިކޮޅުން މިހެން ބުނެފައިވަނިކޮށް ދާދިފަހުން މިދިޔަ ބުދަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވަނީ އިހުލާސްތެރި އިދިކޮޅު ލީޑަރަކީ ކޮބައިކަން ސާފުވާން ޖެހޭ ކަމަށާ، އެ ލީޑަރުގެ ކެބިނެޓަކީ ކޮބައިކަން ވެސް އެނގެން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އިދިކޮޅުގެ ފަރާތުން ރިޔާސީ އިންތިހާބުގައި ޔާމީން ވާދަކުރައްވާނެ ކަމަށް އަދުރޭ ވިދާޅުވިއިރު ޔާމީން މިހާރު ގެންދަވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެހެންކަމުން މިހާރު އޮތް ގޮތުން ޔާމީނަށް ދެން އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތެއް ނެތެވެ.

އެ ހުކުމް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، ދައުލަތުން ދާދިފަހުން ވަނީ ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލާފައެވެ. އެ ދެ ދައުވާއަކީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.