Last Updated: April 20, 18:15
Saturday, April 20, 2024
ޚަބަރު

މާލެ ތެރޭގައި މީހުން އުޅޭގޮތް އިންސްޕެކްޓް ކުރަން ފަށަނީ

ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ މާލެތެރޭގައި މީހުން އުޅޭގޮތް އިންސްޕެކްޓް ކުރަން ފެށުމަށް ނިންމައިފިއެވެ.

މާލެތެރޭގައި މީހުން އުޅޭ ގޮތް އިންސްޕެކްޓު ކުރަން ނިންމާފައިވާއިރު، އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިނާއި އެއްގޮތަށް ފިހާރަތަކާއި ކެފޭ ފަދަ ތަންތަން ހުރިތޯ ބެލުމަށް ވެސް އިންސްޕެކްޝަނެއް ވަނީ ފަށާފައެވެ. މި އިންސްޕެކްޝަނުގެ ތެރެއިން ގައިޑްލައިނާ ހިލާފަށް ހުރި ތަންތަން ވަގުތުން އަންނަނީ ބަންދުކުރަމުންނެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި މާލޭގެ އެކި ސަރަހައްދުތައް އިންސްޕެކްޓު ކުރަން އިންސްޕެކްޓަރުން ނެރޭނެ ކަމަށެވެ. އެގޮތުން މީހުން ތަންތަނުގައި އެއްވެ އުޅޭއިރު މީހުންގެ އުޅުން ހުރި ގޮތް އިންސްޕެކްޓަރުން ބަލާނެ ކަމަށް އަމީން ވިދާޅުވިއެވެ.

ސަރުކާރުގެ ވިސްނުމަކީ ނުވަަތަ ސިޔާސަތަކީ، ފުރަބަންދަށް ދިޔުން ނޫން ކަމަށާއި ނަމަވެސް މިހާރު ނެރެފައި ހުރި ގައިޑްލައިންތަކަށް ތަބާނުވާނަމަ ފިޔަވަޅުތައް އަޅަން ޖެހިދާނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ. އެގޮތުން މިހާރު ދީފައިވާ ލުއިތައް ވެސް ހާލަތު ގޯސްވާނަމަ އަނބުރާ ގެންދަން ޖެހިދާނެ ކަމުގެ އިންޒާރު މިނިސްޓަރު ވަނީ ދެއްވާފައެވެ.

"އަޅުގަނޑުމެން ދިން ލުއިތަކުގެ ތެރެއިން ބައެއް ލުއިތައް ގެންދަން ނުޖެހޭނެއެކޭ ދަންނަވާކަށް ނުކުރޭނެ. ބައެއް ލުއިތައް ގެންނަން ޖެހިދާނެ ހާލަތު ގޯސްވަމުންދާނަމަ. އެހެން ނަމަވެސް މަސައްކަތް މިކުރަނީ މިހާރު ދީފައި ހުރި ލުއިތަކުގެ ތެރޭގައި މަސައްކަތް ކުރެވޭނެ މަގެއް ފެނޭތޯ" އަމީން ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކުގައި ހާލަތަށް އަންނަ ބަދަލާއެކު ފިޔަވަޅުތައް އަޅަމުންދާނެ ކަމަށާއި ހާލަތު ގޯސްވާނަމަ ފިހަރާތަކާއި ކެފޭ ފަދަ ތަންތަން ވެސް ބަންދުކުރަން ޖެހިދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު އެޗްޕީއޭ އިން ވަނީ 30 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅޭ ހަރަކާތްތައް ބޭއްވުން މަނާކޮށްފަ އެވެ. އަދި މާލެ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފައިވާއިރު މާސްކު ނާޅާ ފަރާތްތައް މާދަމާ އިން ފެށިގެން 1،000 ރުފިޔާ އިން ޖޫރިމަނާ ކުރަން ވަނީ ނިންމާފައެވެ.