Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

އިހަވަންދޫން މީހަކު ޕޮޒިޓިވްވެ ރަށް މޮނީޓަރިންގެ ހާލަތަށް

ހއ.އިހަވަންދޫން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އިހަވަންދޫ ކައުންސިލުން ބުނީ އެ ރަށުން ކޮވިޑްގެ އަލާމާތް ހުރި ފަރާތެއް އެ ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން އެޗްޕީއޭގެ ފަރާތުން އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އެގޮތުން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ އެރަށުން މާލެއަށް ދަތުރުކުރާ، "242" ބޯޓުގައި މަސައްކަތް ކުރާ މީހެކެވެ.

އިހަވަންދޫ ކައުންސިލުން ވަނީ އެ ބޯޓުގެ އެއްވެސް ފަޅުވެރިއަކާއި ދިމާވެފައިވާނަމަ، ރައްކާތެރިވުމުގެ ގޮތުން ގޭގައި އަމިއްލަ އަށް އެކަހެރިވުމަށް އިލްތިމާސްކޮށްފައެވެ.

އަދި އެޗްޕީއޭގެ ފަރާތުން އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާތީ ކޮންމެހެން ގެއިން ބޭރަށް ނިކުންނަންޖެހޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތައް ގޭގައި މަޑުކުރުމަށާއި، މޮނީޓަރިންގެ ހާލަތު އުވާލަންދެން ރަށަށް އަރައި ފޭބުން މަނާކުރުމާއި، ބޭރަށް ނިކުމެ އުޅޭ ހުރިހާ ފަރާތްތަކުން މާސްކު އެޅުމަށާއި، އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން މިސްކިތައް ދިޔުން ވަނީ މަނާކޮށްފައެވެ.

އަދި ކުޅިވަރު ކުޅުމާއި އާއްމު އެއްވުންތައް އެ ރަށުގައި ބޭއްވުން މަނާކުރުމާއި، އާާއްމު ހިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނެއް ވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތްތައް އިންތިޒާމު ކުރުމަށް އިހަވަންދޫ ކައުންސިލުން ވަނީ އެދިފައެވެ.

މިއީ އިހަވަންދޫ އިން މި ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ މީހާ އެވެ.