Last Updated: March 28, 21:55
Thursday, March 28, 2024
ދުނިޔެ

މާސްކު އަޅާނީ ކޮރަޕްޝަން ނައްތާލެވުމުން: މެކްސިކޯގެ ރައީސް

މާސްކު އަޅާނީ މެކްސިކޯ އިން ކޮރަޕްޝަން ނައްތާލެވުމުން ކަމަށް އެގައުމުގެ ރައީސް އަންދްރޭސް މެނުއަލް ލޮޕޭޒް އޮބްރަޑޯ (އަމްލޯ) ވިދާޅުވެއްޖެއެވެ.

އަމްލޯ މިހެން ވިދާޅުވެފައިވާއިރު މުޅި ދުނިޔެ އިން ވެސް މިހާރު ތިންވަނަ އަށް މި ބަލީގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ގައުމަކަށް މެކްސިކޯ ވަނީ ވެފައެވެ. އެގޮތުން މި ބަލީގައި މެކްސިކޯ އިން ވަނީ 46،000 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން މާސްކު އެޅުމަށް އިންކާރު ކުރައްވަމުން ގެންދަވާ މެކްސިކޯގެ ރައީސް އިއްޔެ ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ އޭނާ މާސްކު އަޅާނީ އެގައުމުން ކޮރަޕްޝަން ނައްތާލެވުނު ދުވަހަކުން ކަމަށާއި އެކަން ހާސިލުވުމުން މާސްކު އަޅައިގެން އެއްވެސް ވާހަކައެއް ވެސް ނުދައްކަވާނެ ކަމަށެވެ.

"އެހެންވީމަ އަވަހަށް ކޮރަޕްޝަން ނައްތާލަން ހިނގާ. އޭރުން އަހަރެން މާސްކު ވެސް އަޅާނަން" އަމްލޯ ވިދާޅުވިއެވެ.

މެކްސިކޯގެ ސިޔާސީ ކަންކަމުގެ ތެރޭގައި ކޮރަޕްޝަން އާންމުވެފައިވާއިރު އެގައުމުގެ އިދިކޮޅު ފަރާތްތަކުން ވަނީ އަމްލޯގެ މި ވާހަކަތަކަކީ މާސްކު އަޅަން ބޭނުން ނުވާތީ ދައްކާ ވާހަކަތަކެއް ކަމަށް ތުހުމަތުކޮށްފައެވެ.

ކޮވިޑުގެ ނުރައްކާ މެކްސިކޯގައި ބޮޑުވަމުންދާއިރު އެގައުމުން މި ބައްޔަށް އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ވެސް މި ބަލިން ރައްކާތެރިވުމަށް އާންމުންނަށް ބާރު އެޅުމުގެ ބަދަލުގައި އަމްލޯ އޭނާގެ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ގެންދިޔައީ ވާދަވެރިންނަށް ފާޑު ވިދާޅުވަމުންނެވެ.

އަދި މި ބަލިން ރައްކާތެރިވުމަށް އެގައުމުގެ ރައްޔިތުންނަށް އަމްލޯ ދެއްވާފައިވާ އިރުޝާދުތަކަށް ބަލާއިރު، ބަރުދަން ލުއި ކުރުމާއި ޖަންކް ފުޑް ފަދަ ތަކެތިން ދުރުވުން ހިމެނެއެވެ.