Last Updated: July 1, 23:03
Wednesday, July 2, 2025
ދުނިޔެ

އިންޑިއާގައި ސެނިޓައިޒާ ބޮއެގެން 10 މީހަކު މަރުވެއްޖެ

އިންޑިއާގައި ސެނިޓައިޒާ ބޮއެގެން 10 މީހަކު މަރުވެއްޖެ އެވެ.

މިކަން ހިނގާފައިވަނީ އިންޑިއާގެ އަންދްރަ ޕްރަދޭޝްގެ ވިލެޖެއްގައި ކަމަށްވާއިރު، އެ މީހުން ސެނިޓައިޒާ ބޮއެފައިވަނީ ކޮވިޑް-19 ގެ ސަބަބުން އެ ވިލެޖުގައި ލޮކްޑައުންގެ ހާލަތު އިއުލާންކޮށް ރާ ވިއްކާ ފިހާރަތައް ބަންދުކުރުމާ ގުޅިގެންނެވެ.

އެ ވިލެޖުގެ ފުލުހުންގެ އިސްވެރިޔާ ސިދާތު ކައުޝަލް ވިދާޅުވީ އެމީހުން މަރުވެފައިވަނީ ސެނިޓައިޒާ އާއި ފެނުގެ އިތުރުން ސޮފްޓް ޑްރިންކް އެއްކޮށްގެން ބުއިމުގެ ސަބަބުން ކަމަށެވެ. އެގޮތުން އެ މީހުން މަރުވެފައިވަނީ މި ތަކެތި ބޮމުން ގެންދާތާ ދުވަސްކޮޅެއް ފަހުން ކަމަށްވެސް ކައުޝަލް ވިދާޅުވިއެވެ.

ސެނިޓައިޒާގައި އެކުލެވޭ ނުރައްކާތެރި މާއްދާތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ކެމިކަލް ތަހުލީލު ކުރުމަށް ސެނިޓައިޒާގެ ސާމްޕަލް މިހާރު ފޮނުވާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑްގެ ނުރައްކާ އިންޑިއާގައި ވަރަށް ބޮޑުވެފައިވާއިރު، އެގައުމުން މިހާތަނަށް ވަނީ 1.6 މިލިއަނަށް ވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި 30،000 އަށް ވުރެ ގިނަ މީހުން ވަނީ މި ބަލީގައި މިހާތަނަށް މަރުވެފައެވެ.