Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

މާސްކު އެޅުން މިއަދުން ފެށިގެން ލާޒިމުވާނެ

ފުލުހުންތަކެއް މާސްކު އަޅައިގެން - ފޮޓޯ: ރާއްޖެ އެމްވީ

މާލެ ސަރަހައްދުގައި ގެއިން ބޭރުގައި އުޅޭއިރު މާސްކު އެޅުން މިއަދުން ފެށިގެން ލާޒިމުވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ނެރުނު އެންގުމެއްގައި ބުނީ މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން ގެއިން ބޭރުގައި އުޅޭ އިރު އަނގަ އާއި ނޭފަތް އަދި ދަތްދޮޅި ނިވާ ގޮތަށް މާސްކް އަޅަންޖެހޭނެ ކަމަށެވެ.

ނަމަވެސް އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތު ކުރާ ވަގުތުގައި ކަސްރަތު ކުރާ މީހުން އަދި އެހެން މީހެއްގެ އެހީއާ ނުލާ މާސްކް އަޅައި، ނުނެގޭ މީހުން މި އެންގުމުން އިސްތިސްނާ ވާނެ ކަމަށްވެސް އެޗްޕީއޭ އިން ބުނެފައިވެއެވެ.

މި ފިޔަވަޅު ތަންފީޒުކޮށް، އެ ފިޔަވަޅަށް ފުރިހަމަ އަށް އަމަލުކުރުމަށް އެންމެހައި އިދާރާތަކަށް އަންގާ ކަމަށާއި އަދި މި އެންގުމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދުތަކާއި އަޅާ ފިޔަވަޅުތަކާއި އެއްގޮތަށް އަމަލުކުރުމަށް ހުރިހާ ފަރާތްތަކަކަށް ވެސް ވަނީ އަންގާފައެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން (އެޗްއީއޯސީ) ވަނީ މިއަދުން ފެށިގެން މާސްކު ނާޅާ އުޅޭ ފަރާތްތައް 1،000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް ބުނެފައެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ފުލުހުން އަންނަނީ އާންމުން މާސްކު އަޅައިގެން އުޅޭތޯ ބެލުމުގެ މަސައްކަތް ކުރަމުންނެވެ.