Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މިހާތަނަށް ފަތުރުވެރިންނަށް ހިދުމަތް ދެމުން ދަނީ 61 ރިސޯޓަކުން

ލިލީ ބީޗު ރިސޯޓު އެންޑް ސްޕާ

މިދިޔަ މަހުގެ 15ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން މިހާތަނަށް އޮޕަރޭޝަން ފަށާފައި ވަނީ އެންމެ 61 ރިސޯޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ. 

މިދިޔަ މަހުގެ ނިޔަލަށް 150 އަށްވުރެ ގިނަ ރިސޯޓު ހިންގަމުން އަންނައިރު ޓޫރިޒަމް މިނިސްޓްރީން ބުނީ އޭގެތެރެއިން މިހާތަނަށް ފަތުރުވެރިންނަށް ހިދުމަތް ދޭން ފަށާފައިވަނީ 61 ރިސޯޓަކުން ކަމަށެވެ.

މީގެއިތުރުން ބ. އަތޮޅު އަމިއްލަ ފުއްޓާއި، މާލެ އަތޮޅުން މާގިރި ހޮޓެލް އަދި ހުޅުލޭ އައިލެންޑު ހޮޓެލްގެ އިތުރުން ގއ. އަތޮޅުގައި ހިންގާ މާކުއާ މޯލްޑިވްސް ކޫއްޑޫއަށް ޓްރާންސިޓް ހޮޓެލްގެ ގޮތުގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ހުއްދަ ދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމާއި ގުޅޭ ގައިޑްލައިނުގައިވާ ގޮތުން އެއާޕޯޓުން ފަތުރުވެރިންގެ ހުން ބެލުން ފަދަ ކަންކަން ކުރާނެ ކަމަށާއި އަދި އެގޮތަށް ސްކްރީން ކުރާއިރު، ކެއްސުމާއި ރޯގާ ޖެހިފައިވުމާއި ނޭވާލާން އުނދަގޫވުން ފަދަ އަލާމާތްތައް ފެންނަ ނަމަ އެ ޓޫރިސްޓަކު ކޮވިޑް-19 އަށް ޓެސްޓު ކުރާނެ ކަމަށެވެ. ޓެސްޓު ހަދާނީ އެ ފަތުރުވެރިއެއްގެ ޙަރަދުގައި ކަމަށްވެސް ގައިޑްލައިންގައިވެއެވެ.

އަދި ގްރޫޕަކާ އެކު އަންނަ ޓޫރިސްޓެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެނިއްޖެ ނަމަ މުޅި ގްރޫޕު ޓެސްޓު ކުރާނެ ކަމަށާއި މީގެއިތުރުން ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ރެންޑަމްކޮށް ވެސް ސާމްޕަލްތައް ނަގާނެ ކަމަށް ބުނެފައިވެއެވެ. މި ޓެސްޓުތަކަށް ހަރަދުކުރާނީ ސަރުކާރުންނެވެ.

އެއާޕޯޓުން ޓެސްޓުކުރާ ޓޫރިސްޓުންގެ ނަތީޖާ ލިބެންދެން ތިބެންޖެހޭނީ ޓްރާންސިޓް ފެސިލިޓީއެއްގައި އައިސޮލޭޓްވެގެން ކަމަށްވެސް ބުނެފައިވެއެވެ. މީގެއިތުރުން ރާއްޖެ އަންނަ ހުރިހާ ޓޫރިސްޓުން ތިބެންޖެހޭނީ މާސްކު އަޅައިގެން ކަމަށްވެސް ގައިޑްލައިނުގައި ބުނެފައިވެއެވެ.
ކޮވިޑް-19 ފެތުރެމުން ދާތީ ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި ވަނީ މިދިޔަ މާޗް 27 ގައެވެ. އެކަމުގެ ސަބަބުން ރާއްޖެ އަށް ފަތުރުވެރިން އައުން ހުއްޓި އާމްދަނީ ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. އަދި އިގްތިސާދަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރިއެވެ.