Last Updated: April 25, 10:47
Thursday, April 25, 2024
ޚަބަރު

މިއަދު 156 މީހަކު ޕޮޒިޓިވް ވެއްޖެ

ކޮވިޑް-19 އަށް މިއަދު ރާއްޖެ އިން 156 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 154 ކޭސް ފެނިފައިވަނީ މާލެއިން ކަމަށެވެ. އަދި އަނެއް ދެ ކޭސް ފެނިފައިވަނީ އަތޮޅުތެރެއިން ކަމަށް އެޗްޕީއޭ އިން ބުނެއެވެ. މިއަދަކީ މިއީ އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވީ ދުވަހެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 134 ދިވެހިންނާއި، ބަންގްލަދޭޝްގެ 20 މީހަކާއި، އިންޑިއާ އަދި ސްރީލަންކާގެ މީހެއް ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 3,949 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 1305 މީހުންނަށެވެ. އެގޮތުން 72 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

އަދި މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2،613 އަށް އަރާފައެވެ. މި ބަލީގައި ރާއްޖެއިން ވަނީ 16 މީހަކު މިހާތަނަށް މަރުވެފައެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު އެޗްޕީއޭ އިން ވަނީ 30 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅޭ ހަރަކާތްތައް ބޭއްވުން މަނާކޮށްފަ އެވެ. އަދި މާލެ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފައިވާއިރު ގައިދުރު ކަމަށް ސަމާލުކަން ދިނުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.