Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

ކޮވިޑް ޖެހިގެން 52 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ

ކޮވިޑް ޖެހިގެން 52 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ އެމީހާ ނިޔާވެފައިވަނީ މިރޭ 11:20 ހާއިރު ކަމަށެވެ. އެމީހާއަކީ ނޭވާލާން އުނދަގޫވާން އައިޖީއެމްއެޗް ހޮސްޕިޓަލަށް މިއަދު ހަވީރު ދައްކަން އައި މީހެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިއީ ކޮވިޑްގައި ރާއްޖެއިން ނިޔާވި 17 ވަނަ މީހާއެވެ.

ކޮވިޑްގައި އިތުރު މީހަކު ރާއްޖެއިން ނިޔާވެފައިވާއިރު، މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް ބޮޑު ތަނުން އަނެއްކާވެސް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިއަދު އެކަނި ވެސް 156 މީހަކު މި ބައްޔަށް ޕޮޒިޓިވް ވިއިރު، އޭގެތެރެއިން 134 މީހުންނަކީ ދިވެހިންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 3,949 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 1305 މީހުންނަށެވެ. އެގޮތުން 72 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. އަދި މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2،613 އަށް އަރާފައެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު އެޗްޕީއޭ އިން ވަނީ 30 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅޭ ހަރަކާތްތައް ބޭއްވުން މަނާކޮށްފަ އެވެ. އަދި މާލެ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފައިވާއިރު ގައިދުރު ކަމަށް ސަމާލުކަން ދިނުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.