Last Updated: August 15, 16:19
Saturday, August 15, 2020
ޚަބަރު

ވެކްސިނެއް ލިބެންދެން ލޮކްޑައުންގައި ތިބުމަކީ ކުރެވޭނެ ކަމެއް ނޫން

ކޮވިޑް-19 އަށް ވެކްސިނެއް ލިބެންދެން ލޮކްޑައުންގައި ތިބުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ހެލްތުު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެ ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ ލޮކްޑައުންއެއްގައި ބަންދުވެގެން އަބަދު އެއްވެސް ބަޔަކަށް ނުތިބެވޭނެ ކަމަށާއި ލޮކްޑައުންގައި ހޭދަކުރި ދެ މަސް ދުވަހުގެ ތެރޭގައި ގިނަ ކަންކަމަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ދެމަސް ބައި ތެރޭގައި ވަރަށް ބޮޑު އަސަރެއް ރާއްޖޭގެ އިގްތިސާދަށް ވެސް ކޮށްފައިވާއިރު އާއިލާތަކަށްވެސް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހުނުކަން ނަޒްލާ ފާހަގަކުރެއްވިއެވެ. އަދި ކޮވިޑަށް ވެކްސިނެއް ލިބޭނީ މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރު ކަމަށްވާއިރު، އެހާ ދުވަސް ވަންދެން ލޮކްޑައުންގައި ތިބުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

"ވެކްސިނެއް ލިބެންދެން ލޮކްޑައުންގައި ތިބުމަކީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުމެން އެބަޖެހޭ މި ބައްޔާއެކު އުޅެން ދަސްކުރަން" ނަޒްލާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި އިއުލާންކުރި ލޮކްޑައުނަށް ބޮޑެތި ލުއިތަކެއް ދިން ފަހުން އަނެއްކާވެސް މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވާން ފަށާފައެވެ. އެގޮތުން އިއްޔެ އެކަނި ވެސް 156 މީހަކު މި ބައްޔަށް ޕޮޒިޓިވް ވިއިރު، އޭގެތެރެއިން 134 މީހުންނަކީ ދިވެހިންނެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 3,949 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 1305 މީހުންނަށެވެ. އެގޮތުން 72 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. އަދި މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 2،613 އަށް އަރާފައިވާއިރު މި ބަލީގައި 17 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު އެޗްޕީއޭ އިން ވަނީ 30 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅޭ ހަރަކާތްތައް ބޭއްވުން މަނާކޮށްފަ އެވެ. އަދި މާލެ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފައިވާއިރު ގައިދުރު ކަމަށް ސަމާލުކަން ދިނުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.