Last Updated: April 25, 10:47
Thursday, April 25, 2024
ޚަބަރު

ސަރުކާރަށް އެކަނި ބަލިތައް ކޮންޓްރޯލް ނުކުރެވޭނެ: ޖަމްޝީދު

އަހުމަދު ޖަމްޝީދު - ފޮޓޯ: ސަން

ސަރުކާރަށް އެކަނި ބަލިތައް ކޮންޓްރޯލު ނުވާނެ ކަމަށް ކުރީގެ ހެލްތު މިނިސްޓަރު ޑރ.އަހުމަދު ޖަމްޝީދު ވިދާޅުވެއްޖެއެވެ.

ޖަމްޝީދު މިހެން ވިދާޅުވެފައިމިވަނީ ކޮވިޑް-19 ފެތުރުން އަނެއްކާވެސް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ ބޭރު ތެރޭގައި އުޅޭއިރު މާސްކު އެޅުން ވެސް މަޖުބޫރުކޮށްފައެވެ.

ޖަމްޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރަށް އެކަނި ބަލިތައް ކޮންޓްރޯލް ނުކުރެވޭނެ ކަމަށާއި ބަލިތައް ކޮންޓްރޯލް ކުރެވޭނީ އާންމުންނާއި މުޅި މުޖުތަމައު އިން އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމަ ގޮތުގައި އަދާކޮށްގެން ކަމަށެވެ.

އެގޮތުން ކޮންމެ ދުވަހަކު ވެސް އެމީހެއްގެ އުޅުން ހުންނަ ގޮތް ބެލުން މުހިއްމު ކަމަށާއި އެއަށްފަހު އިތުރަށް ރަނގަޅު ކުރެވޭނެ ކަންކަން ބަލައި ބަލި ފެތުރުން ހުއްޓުވުމަށް މަސައްކަތް ކުރުމަށް ޖަމްޝީދު ވަނީ ގޮވާލާފައެވެ.

މާލެ ސަރަހައްދުގައި އިއުލާންކުރި ލޮކްޑައުނަށް ބޮޑެތި ލުއިތަކެއް ދިން ފަހުން އަނެއްކާވެސް މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވާން ފަށާފައެވެ. އެގޮތުން އިއްޔެ އެކަނި ވެސް 156 މީހަކު މި ބައްޔަށް ޕޮޒިޓިވް ވިއިރު، އޭގެތެރެއިން 134 މީހުންނަކީ ދިވެހިންނެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 3,949 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 1305 މީހުންނަށެވެ. އެގޮތުން 72 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. އަދި މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 2،613 އަށް އަރާފައިވާއިރު މި ބަލީގައި 17 މީހަކު ވަނީ މަރުވެފައެވެ.