Last Updated: April 25, 20:50
Thursday, April 25, 2024
ޚަބަރު

ސިނގިރޭޓަށް ކުރާ ހޭދަ ސަލާމަތް ކުރެވުމުން ލިބޭ ހިތްހަމަޖެހުން މާބޮޑު

މިނިސްޓަރު އަހުމަދު މަހުލޫފް - ފޮޓޯ: މަޖިލިސް

ސިނގިރޭޓަށް ކުރާ ހޭދަ ސަލާމަތް ކުރެވުމުން ލިބޭ ހިތްހަމަޖެހުން މާބޮޑުވާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް މިހެން ވިދާޅުވެފައިމިވަނީ ސިނގިރޭޓް ފޮއްޓެއްގެ އަގު ގާތްގަނޑަކަށް 100 ރުފިޔާ އަށް އުފުލުމުން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން މަހުލޫފް ވިދާޅުވީ ސިނިރޭޓަށް ކުރަންޖެހޭ ހޭދަ މިއަދު ބޮޑުވެގެން ހިތްހަމަ ނުޖެހިދާނެ ކަމަށެވެ. ނަމަވެސް މާދަމާ ތިމާ ދުންފަރާއި ދުރުހެލެވި ސިނގިރޭޓަށް ކުރާ ހަރަދު ކުރާ އެތައް ހާސް ރުފިޔާ ސަލާމަތް ކުރެވި އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަގުފަހިވުމުން ލިބޭ ހިތްހަމަޖެހުން ބޮޑުވާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް 17 ވަނަ އިސްލާހު ގެނައުމުގެ ބިލު، މިމަހުގެ 23 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާފައިވާއިރު އެ އިސްލާހުތަކަށް އިއްޔެ އިން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ.

މި ގާނޫނަށް ގިނަ އިސްލާހުތަކެއް ގެނެވިފައިވާއިރު، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ބަނގުރަލާއި ސިއްހަތަށް ގެއްލުންދޭ ބުއިންތަކުން ނަގާ ޑިއުޓީ ބޮޑުކުރަން ވަނީ ނިންމާފައެވެ.

އެގޮތުން ރާއްޖެ އެތެރެކުރާ ކޮންމެ ސިނގިރޭޓެއްގެ އަގުން 25 އިންސައްތަ ނަގައި، ކޮންމެ ސިނގިރޭޓެއްގެ އަގުން 3ރ. އިތުރަށް ނަގަން ކަސްޓަމްސްއިން ވަނީ ނިންމާފައެވެ. އަދި ސިނގިރޭޓާއި، ބިޑި ހެދުމަށް ބޭނުންކުރާ ކަރުދާހުގެ އަގުން 200 އިންސައްތަ ޑިއުޓީގެ ގޮތުގައި ނެގުމަށް ވެސް ވަނީ ނިންމާފައެވެ.

ސިނގިރޭޓުން ނަގާ ޑިއުޓީއަށް ގެނެވުނު ބަދަލާއި އެކު އަހަރެއްގެ މައްޗަށް 1.5 ބިލިއަން ރުފިޔާ ލިބޭނެކަމަށް ކަސްޓަމްސް އިން ލަފާކުރެއެވެ.