Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ރޭ ނިޔާވި މީހާ ހަފްތާއެއް ކުރިން ކޮވިޑަށް ޓެސްޓުކޮށްދޭން އެދުނު: އާއިލާ

ރޭ ކޮވިޑް-19 ގައި ނިޔާވި މީހާ މީހެ ހަފްތާއެއް ކުރިން އެ ބައްޔަށް ޓެސްޓުކޮށްދޭން އެދުނު ކަމަށް އެމީހާގެ އާއިލާ އިން ބުނެފިއެވެ.

ރޭ މި ބަލީގައި ނިޔާވެފައިވަނީ އުމުރުން 52 އަހަރުގެ އަންހެނެކެވެ. އޭނާ ނިޔާވީ އައިޖީއެމްއެޗް ހޮސްޕިޓަލަށެވެ.

އެ އަންހެން މީހާގެ ކޮއްކޮ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މީގެ ހަފްތާ އެއް ކުރިން ދައްތަ ވަރަށް ގަދަ ހުމެއް އައިސްގެން އޭޑީކޭ ހޮސްޕިޓަލް އަށް ދެއްކުމުން ޔޫރިން އިންފެކްޝަނެއް ކަމައް ބުނެ އެންޓިބަޔޮޓިކް ދީފައި ގެޔައް ފޮނުވާލީ ކޮވިޑަށް ޓެސްޓުކޮށްދޭން އެދުމުން ވެސް އެކަން ނުކޮށް ކަމަށެވެ.

"ދައްތަ އަކީ ހައި ރިސްކް މީހެއްކަން އެންމެ ބޮޑަށް އެނގޭނީވެސް އޭޑީކޭ އަށް. ހުން ރަނގަޅު ނުވެ ނޭވާ ލުމަށް ދަތި ވެގެން އައިޖީއެމްއެޗަށް ގެންދިޔަތާ މާ ގިނަ އިރު ތަކެއް ނުވެ ކޮވިޑް އަށް ޕޮޒިޓިވް ކަމާއި ވެންޓިލޭޓަރަށް ލާން އުޅެނިކޮށް ވިންދު ނުލިބޭ ކަމާއި ނިޔާ ވުމާއި ދެމެދު މާ ގިނަ ވަގުތެއް ނުނަގައެވެ. އެހެން ކަމުން ފަރުވާ ނުހޯދާ ކަމައް ދެކެވޭ ވާހަކަ އަކީ ދޮގެކެވެ" އެ ޕޯސްޓުގައި ބުނެފައިވެއެވެ.

މި ކަމުގައި ވަކި ބަޔަކައް އިނގިލި ދިއްކޮއްގެން ދައްތަ އަށް ދެން ފާއިދާ އެއް ނުކުރާނެ ކަމަށާއި އިންސާފު ނުލިބޭ ދުނިޔެއެއްގައި އޭޑީކޭ ފަދަ ތަނަކައް އިނގިލި ދިއްކުރުމަށް އާއިލާ އިން ނޭދޭ ކަމަށްވެސް ބުނެފައިވެއެވެ.

"އަޅުގަޑުމެން އެދެނީ އެންމެ ބޭފުުޅުންގެ ހެޔޮ ދުޢާ. ދޮންދައްތަގެ ފުރާނައަށް އެންމެ މަތިވެރި ނިޢުމައް ﷲމިންވަރު ކުރައްވާށި" އެ ޕޯސްޓުގައި ބުނެފައިވެއެވެ.

އެ އަންހެން މީހާ އަކީ ރާއްޖެއިން މި ބަލީގައި ނިޔާވި 17 ވަނަ މީހާ އެވެ.