Last Updated: April 25, 12:03
Thursday, April 25, 2024
ދުނިޔެ

21 ދުވަސްތެރޭ އެމެރިކާއިން 20،000 މީހުން މަރުވާނެ ކަމަށް ލަފާކޮށްފި

ކޮވިޑް-19 ގެ ސަބަބުން ކުރިއަށް އޮތް 21 ދުވަސްތެރޭ އެމެރިކާ އިން 20،000 މީހުން މަރުވާނެ ކަމަށް ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ލަފާކޮށްފިއެވެ.

މި ބަލީގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވަނީ އެމެރިކާ އިން ކަމަށްވާއިރު، އެގައުމުން މިހާތަނަށް ވަނީ 154،447 މީހުން މަރުވެފައެވެ. ސީޑީސީން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް މި ބަލީގައި އެމެރިކާ އިން 173،000 މީހުން މަރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެގޮތުން ކުރިއަށް އޮތް ދެ ތިން ހަފްތާއެއްގެ ތެރޭގައި އެންމެ ގިނައިން މީހުން މަރުވާނެ ކަމަށް ސީޑީސީން ލަފާކޮށްފައިވަނީ އަލަބާމާ، ކެންޓަކީ، ނިއުޖާރޒީ، ޕުއެޓެރީކޯ، ޓެނެސީގެ އިތުރުން ވޮޝިންޓަނުންނެވެ. މީގެތެރެއިން ބައެއް ސްޓޭޓުތަކުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވުމަށްފަހު އަނެއްކާވެސް ވަނީ އެ އަދަދު އިތުރުވާން ފަށާފައެވެ.

އެމެރިކާ އިން އިއްޔެ އެކަނި ވެސް 58،000 އަށް ވުރެ ގިނަ ޕޮޒިޓިވް ކޭސް ރިޕޯޓުކޮށްފައިވާއިރު، އިތުރު 1133 މީހުން އިއްޔެ އެކަނި ވަނީ މި ބަލީގައި މަރުވެފައެވެ. މި އަދަދުތަކާއެކު މި ބައްޔަށް އެމެރިކާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ހަތަރު މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ.

ބަލީގެ ހާލަތު އެމެރިކާގައި ގޯސްވަމުންދާއިރު ސްޓޭޓުތަކުގެ ގަވަރުނަރުންނާއި ސިއްހީ މާހިރުން އަންނަނީ ގައިދުރުކަމަށް އިސްކަން ދިނުމަށާއި މާސްކު އެޅުން ފަދަ މި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.