Last Updated: April 23, 17:09
Tuesday, April 23, 2024
ޚަބަރު

ވިޔަފާރިތަކަށް ލިބުނު ގެއްލުން ރީބޫސްޓު ކުރަން ގޮވާލާ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

އަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލިސް

ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުންތައް ކުޑަކޮށް ވިޔަފާރިތައް ރީބޫސްޓު ކުރުމަށް ގޮވާލާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

އެ ގަރާރުގައި ބުނެފައި ވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް19 ފެތުރެމުން އައިސް، ދުނިޔޭގެ ވައިގެ ބަނދަރުތައް ހުއްޓި މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް، ރާއްޖޭގެ ބޯޑަރުތައް ވެސް ބަންދުކޮށްފައިވާ ކަމަށެވެ.

މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ލޮކްޑައުންގެ ހާލަތަށް ގެނެސް، ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓިފައިވާ ކަމަށެވެ. އޭގެތެރޭގައި ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި، ސްވެނިއާ ސޮޕްތަކުގެ އިތުރުން ދިވެހި އިގްތިސޯދުގެ ކުދި، މެދު އަދި ފުޅާ ދާއިރާއެއްގައި ހިންގަމުންދާ އެންމެހާ ވިޔަފާރިތައް ކުއްލި ގޮތަކަށް ހުއްޓުމަށް މަޖުބޫރުކުރެވިގެން ދިޔަ ކަމަށް ޖާބިރުގެ ގަރާރުގައި ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ކޮވިޑްގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސޯދަށް ކުއްލި ލޮޅުމެއް އައިސް އިނދަޖެހިފަވާ ކަމަށެވެ. އެ ވިޔަފާރިތަކަކީ ދިވެހި ހުރިހާ އާއިލާތަކާ ގުޅިފައިވާ ވިޔަފާރިތަކެއް ކަމަށާއި އެ ވިޔަފާރިތައް މިއަދު ހާލުގައި ޖެހި، އެ އާއިލާތަކުގެ ދުވަހުގެ ކޮއްތު ނުލިބޭ ފަދަ އަނދަވަޅަކަށް ރާއްޖޭގެ ވިޔަފާރިތަކުގެ ހާލަތު ގޯސްވެފައިވާ ކަމަށެވެ.

އެހެންކަމުން، ކުދި، މެދު އަދި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ފަރާތްތަކަށް ކޮރޯނާ ވައިރަހުގެ ސަބަބުން އެ ވިޔަފާރިތަކުގެ އޮޕަރޭޝަން ހުއްޓި، ދިވެހި ސަރުކާރުން މި ދަނޑިވަޅުތަކަށް ވިޔަފާރިތައް ކުރިމަތިވެފައިވާ ގެއްލުންތައް ފުރިހަމައަށް އެސެސްކުރުމަށް އެ ގަރާރުގައި ވަނީ ގޮވާލާފައެވެ.

އަދި އެ ވިޔަފާރިތަކަށް ލިބިފައި ހުރި ގެއްލުންތައް އަލުން އިޔާދަކުރުމަށްޓަކައި ދިވެހި ދައުލަތުގެ އެންމެހާ ވަޞީލަތްތައް ބޭނުންކޮށްގެން ނަމަވެސް، ދިވެހި ސަރުކާރުން އެ ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުންތައް އިއާދަކުރުމަށް ލާޒިމުކުރުމަށް ދިވެހި ސަރުކާރަށް އެ ގަރާރުގައި ވަނީ ގޮވާލާފައެވެ.