Last Updated: April 18, 22:36
Thursday, April 18, 2024
ދުނިޔެ

އިންޑިއާގެ ހޯމް މިނިސްޓަރު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އިންޑިއާގެ ހޯމް މިނިސްޓަރު އަމިތް ޝާހު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އަމިތް ޝާހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑްގެ އަލާމާތްތައް ފެނުމާ ގުޅިގެން އެ ބައްޔަށް ޓެސްޓު ކުރެއްވި ކަމަށާއި އެގޮތުން ބައްޔަށް ޕޮޒިޓިވް ވެފައިވާކަން ނަތީޖާ އިން ހާމަވެފައިވާ ކަމަށެވެ.

ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް ހާލު ރަނގަޅު ކަމަށާއި ނަމަވެސް ޑޮކްޓަރުންގެ ލަފަޔާއެކު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ ކަމަށް އަމިތް ވިދާޅުވިއެވެ. އަމިތް ވަނީ ފާއިތުވި ދުވަސްތަކުގައި އޭނާއާ ކޮންޓެކްޓް ވެފައިވާ މީހުން އައިސޮލޭޓް ވުމަށާއި އަދި ބައްޔަށް ޓެސްޓު ކުރުމަށް އެދިފައެވެ.

ކޮވިޑްގެ ނުރައްކާ އިންޑިއާގައި ބޮޑުވެފައިވާއިރު ފާއިތުވި 24 ގަޑިއިރުތެރޭ އެގައުމުން ވަނީ އިތުރު 54،000 ކޭސް ރިޕޯޓުކޮށްފައެވެ. މި އަދަދުތަކާއެކު އެގައުމުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 1.7 މިލިއަނަށް އަރާފައެވެ.

މި ބަލީގައި އިންޑިއާ އިން 37،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، މި ބައްޔަށް މުޅި ދުނިޔެ އިން ވެސް ތިންވަނަ އަށް އެންމެ ގިނައިން ޕޮޒިޓިވް ވެފައިވާ މީހުން ތިބީ އިންޑިއާގައެވެ. މި ބައްޔަށް އެންމެ ގިނައިން ޕޮޒިޓިވްވެ އަދި އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވަނީ އެމެރިކާ އިންނެވެ.