Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

ރާއްޖޭގައި ހައްޔަރު ކޮށްފައި ހުރި ޔަމަނު މީހާ މަރުވެއްޖެ

ރާއްޖޭގައި ދިރިއުޅެމުން އަންނަނިކޮށް ހައްޔަރުކުރި ޔަމަނުގެ ރައްޔިތެއް ކަމުގައިވާ ޔާސިރު ޔަހްޔާ ސާލިހް މަރުވެއްޖެއެވެެ.

ބަނޑުހައިހޫނުކަމުގެ ހަޅުތާލުކޮށް، ހާލު ދެރަވެގެން އައިޖީއެމްއެޗުގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު އެޑްމިޓްކުރި ޔާސިރު މަރުވެފައިވަނީ މިއަދު ހަވީރު 4:25 ހާއިރު އެވެ.

ޔާސިރު ހައްޔަރުކޮށްފައިވަނީ 2017 ވަނަ އަހަރު ކަމަށްވާއިރު، އޭނާ ބަންދުކޮށްފައި ހުރީ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައެވެ. އޭނާ މައްޗަށް ތުހުމަތު ކޮށްފައިވަނީ ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ހަނގުރާމަތަކަށް ރާއްޖެއިން މީހުން ފޮނުވާކަމުގެ ތުހުމަތެވެ.

އަހުމަދިއްޔާ ސްކޫލްގައި އަރަބި ކިޔަވައިދެމުން ދިޔަ ޔާސިރު ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައި ހުރީ ޓެރަރިޒަމާ ގުޅުންހުރި ޖަމާއަތްތަކާއި ގުޅުން އޮންނަ މައުލޫމާތާއި، އޭނާގެ ބެކްގްރައުންޑަކީ މިފަދަ ކަންކަމާ ގުޅޭގޮތުން ޕާކިސްތާނާއި ޔަމަން އަދި އޮމާނުގައި ހައްޔަރުވެސް ކޮށްފައި ހުރި މީހެއް ކަމަށް ވާތީ، ދިވެހި މުޖުތުމައުގެ ސަލާމަތަށް ބަލާފައި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ތުހުމަތުކުރާ އެއްވެސް މައްސަލައެއްގައި ދައުލަތުން ޔާސިރުގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެއެވެ.

ޔާސިރު ވަނީ އޭނާގެ ކަންބޮޑުވުންތައް ހިއްސާކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ސިޓީއެއްވެސް މީގެ ކުރިން ލިޔެފައެވެ. އަދި އޭނާގެ އަންހެނުން ވަނީ ޔާސިރުގެ ހާލަތު ބަޔާންކޮށް ހިއުމަތް ރައިޓްސް ކޮމިޝަނަށް ވެސް ސިޓީއެއް ފޮނުވާފައެވެ.