Last Updated: April 25, 22:42
Thursday, April 25, 2024
މުނިފޫހިފިލުވުން

އަމީތާބު ކޮވިޑުން ރަނގަޅު ވެއްޖެ

ބޮލީވުޑްގެ ލެޖެންޑް އަމީތާބު ބައްޗަން ކޮވިޑް-19 އިން ރަނގަޅު ވެއްޖެއެވެ.

އުމުރުން 77 އަހަރުގެ އަމީތާބު މިއަދު ބުނީ އެންމެފަހުން ހެދި ޓެސްޓުން ކޮވިޑަށް ނެގެޓިވް ވެފައިވާތީ ހޮސްޕިޓަލުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެނބުރި ގެއަށް އައުމަށްފަހު މިވަގުތު ހުރީ ކަރަންޓީނުގައި ކަމަށްވެސް އަމީތާބު ބުންޏެވެ.

އަމީތާބު ވަނީ ހޮސްޕިޓަލުގައި އޭނާ އަށް ފަރުވާދިން ފަރާތްތަކަށާއި، ފާއިތުވި ދުވަސްތަކުގައި އޭނާގެ ސަޕޯޓަރުންނާއި ރައްޓެހިން ފޮނުވި މެސެޖުތަކަށް ޝުކުރު އަދާކޮށްފައެވެ.

އަމީތާބުގެ އިތުރުން އޭނާގެ ދަރިފުޅު އަބީޝެކް ބައްޗަން އާއި އޭނާގެ އަންހެނުން އަދި ބޮލީވުޑްގެ ކާމިޔާބު ބަތަލާ އައިޝްވާރިޔާ ރާއީ އާއި އޭނާގެ ދަރިފުޅު އާރަދިޔާ ބައްޗަން ވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. ނަމަވެސް މީގެތެރެއިން އައިޝްވާރިޔާ އާއި ދަރިފުޅު ކޮވިޑުން ރަނގަޅުވެ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

އަމީތާބުގެ އާއިލާގެ ބައެއް މެމްބަރުން ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް އާމީތާބުގެ އަންހެނުން ޖަޔާ ބައްޗަން ވަނީ ބައްޔަށް ނެގެޓިވް ވެފައެވެ.

ބައެއް މީހުން ޕޮޒިޓިވްވުމާ ގުޅިގެން އަމީތާބުގެ ގެ އާއި އެ ގެ ހިމެނޭ ސަރަހައްދު ވަނީ ޑިސްއިންފްކެޓް ކޮށްފައެވެ.