Last Updated: April 23, 20:04
Tuesday, April 23, 2024
ޚަބަރު

މުސާރަ ކުޑަނުކުރީ ޓޫރިޒަމް ދާއިރާގެ އެންމެ 20 ޕަސެންޓު ކުންފުނިތަކުން

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން މުވައްޒަފުންގެ މުސާރަ ކުޑަކޮށްފައި ނުވަނީ ޓޫރިޒަމް ދާއިރާގެ އެންމެ 20 ޕަސެންޓު ކުންފުނިތަކުން ކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.

އެމްއެމްއޭ އިން މިހެން ބުނެފައިވަނީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެމްއެމްއޭ އިން ކުރިއަށްގެންދިޔަ ބިޒްނަސް ސާވޭ ރިޕޯޓުގައެވެ. އެގޮތުން، ފަތުރުވެރިކަން، އިމާރާތްކުރުން އަދި ހޯލްސޭލް އަދި ރީޓެއިލް ހިމެނޭ ގޮތަށް ތިން ސިނާއަތަކުން ޖުމްލަ 93 ކުންފުންޏަކުން މި ސާވޭގައި ބައިވެރިވެފައިވާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

ސާވޭކޮށްފައިވާ ސިނާއަތްތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ އަދަދުތައް ދަށްވެފައިވާއިރު، މި އަދަދު އެންމެ ބޮޑަށް ދަށްވެފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކުގައި ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އެގޮތުން ވަޒީފާ އަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވަނީ މި ސާވޭގައި ބައިވެރިވި 26 އިންސައްތަ ކުންފުނިތަކުން ކަމަށް ބުނެފައިވެއެވެ.

އަދި މުސާރަތަކަށް އެއްވެސް ބަދަލެއް ގެނެސްފައިނުވަނީ މި ސާވޭގައި ބައިވެރިވި 20 ޕަސެންޓު ކުންފުނިތަކުން ކަމަށްވެސް ބުނެފައިވެއެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއި ގުޅިގެން، މި އަހަރުގެ ދެވަނަ ކުއާޓަރާއި އަޅާބަލާއިރު، ތިންވަނަ ކުއާޓަރުގައި، ފަތުރުވެރިކަމާއި އިމާރާތްކުރުމުގެ ސިނާއަތުގެ ވިޔަފާރިތަކުގެ މަސައްކަތްތައް އިތުރުވާނެކަމަށް މި ސިނާއަތްތަކުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން ލަފާކުރެއެވެ.

ނަމަވެސް، ސާވޭގައި ބައިވެރިވެފައިވާ ހޯލްސޭލް އަދި ރީޓެއިލް ސިނާއަތައް ނިސްބަތްވާ ވިޔަފާރިތަކުގެ ތެރެއިން ހަތަރުބައި ކުޅަ ތިންބައި ވިޔަފާރިތަކުން ލަފާކުރާ ގޮތުގައި ތިން ވަނަ ކުއާޓަރުގައި ވެސް އާމްދަނީ ދަށްވާނެއެވެ.