Last Updated: March 29, 10:36
Friday, March 29, 2024
ކުޅިވަރު

އުރީދޫން ރާއްޖޭގެ ފުރަތަމަ ވަރޗުއަލް ރަން އިއުލާންކޮށްފި

އުރީދޫ މޯލްޑިވްސްއިން "އަތޮޅު ރަން" ގެ ނަމުގައި ވަރޗުއަލް ރަންއެއް މިއަދު އިއުލާނުކޮށްފިއެވެ.

އުރީދޫން ބުނީ މިއަދު އިއުލާން ކުރެވުނު މި ރަން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާއިރު، މިއީ ރާއްޖޭގައި މިގޮތަށް ބޭއްވޭ ފުރަތަމަ ވަރޗުއަލް ރަން ކަމަށެވެ.

މި މަހުގެ 28 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މި ރަން އަކީ އުރީދޫ މޯލްޑިވްސް އިން ދިވެހިންނާއި އެކު ކާމިޔާބު 15 އަހަރު ފުރިހަމަކުރުމުގެ އުފަލުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ހާއްސަ އިވެންޓެއް ކަމަށް އުރީދޫން ހާމަކުރެއެވެ.

މިކަމާ ގުޅޭގޮތުން އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވީ އަތޮޅު ރަންގެ މައިގަނޑު މަޤްސަދަކީ ކުޅިވަރު މެދުވެރިކޮށް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު ދައްކައިދިނުން ކަމަށާއި މި ދަނޑިވަޅުގެ ގޮތުން މި ރަން ވަރޗުއަލް ރަންއެއްގޮތުގައި ރާވާފައި މިވަނީ ގައިދުރުކަމުގެ މުހިންމުކަމަށްވެސް ވަރަށް ބޮޑު އިސްކަމެއްދީގެން ކަމަށެވެ.

"އަތޮޅު ރަންއަކީ ފާއިތުވީ އަހަރުތަކުގައި އުރީދޫއިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ރައްޔިތުން ޑިޖިޓަލްކޮށް ގުޅުވާލަދިނުމުގައި ކުރެވިފައިވާ މަސައްކަތުގެ ރަމްޒެއް. އެހެން އަހަރުތަކުގައި އަޅުގަނޑުމެން ބާއްވާ ފޯރިގަދަ ކަލަރ ރަން ބޭއްވުމަށް އުދަނގޫވެފައި ވީހިނދު، އަތޮޅު ރަން އަކީ ރާއްޖޭގެ އެކި ހިސާބުތަކުގެ ދުވުންތެރިންނާއެކު ކުރިއަށް ގެންދެވޭ ތަފާތު ރަންއެއްކަމުން އެންމެނަށްވެސް ކަމުދާނެ އިވެންޓެއްކަމުގައި އުއްމީދު ކުރަން." ނިޔާޒް ވިދާޅުވިއެވެ.

މި ރަންގައި 20 އަތޮޅުން 20 ދުވުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އަތޮޅު ރަން ކުރިއަށްދާއިރު މީސްމީޑިއާ މެދުވެރިކޮށް ރަންގެ ލައިވް ފޮޓޯ އާއި ވީޑިއޯތައް ބެލުންތެރިންނަށް ފެނިގެންދާނެއެވެ. މި ދުވުން ވެގެންދާނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހިތްގައިމު ރީތި މަންޒަރުތައް ދައްކުވައިދޭ ދުވުމަކަށް ކަމަށް އުރީދޫން ބުނެއެވެ.