Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ކަސިޔަސް ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

ޕޯޗުގަލްގެ ޕޯޓޯ އަށް ކުޅެމުން އަންނަ ސްޕެއިންގެ ތަޖުރިބާކާރު ގޯލްކީޕަރު އިކާ ކަސިޔަސް ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފިއެވެ.

ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އުމުރުން 39 އަހަރުގެ ކަސިޔަސް އިއުލާންކުރީ މިއަދު ކުރި ޓްވީޓަކުންނެވެ.

ކެރިއަރުގެ ބޮޑުބައި ރެއާލް މެޑްރިޑްގައި ހޭދަކުރި ކަސިޔަސް އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކީޕަރުންގެ ތެރޭގައި ހިމެނޭ ކާމިޔާބު ކުޅުންތެރިއެކެވެ. އެގޮތުން އޭނާ ވަނީ ގައުމީ ޓީމާއި އަދި ކްލަބު ލެވެލްގައި ކާމިޔާބު ކުރެވެން ހުރި ހުރިހާ ތަށްޓެއް ކާމިޔާބުކޮށްފައެވެ.

އެގޮތުން ކަސިޔަސް ވަނީ ސްޕެއިންގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕާއި ޔޫރޯ ފުޓްބޯޅަ މުބާރާތް އަދި ރެއާލް މެޑްރިޑާއެކު ޗެމްޕިއަންސް ލީގު ތިން ފަހަރު އަދި ސްޕެނިޝް ލީގު ފަސް އަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ. ރެއާލް ދޫކޮށްލުމަށްފަހު ކަސިޔަސް ޕޯޓޯ އަށް ބަދަލުވީ 2015 ވަނަ އަހަރުއެވެ. އެ ކްލަބާއެކު އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ލީގު ކާމިޔާބުކޮށްފައެވެ.

ނަމަވެސް މިދިޔަ އަހަރުގެ އޭޕްރީލް މަހު ހާޓް އެޓޭކެއް ޖެހުނު ފަހުން ކަސިޔަސް ކުޅުމުގެ ތެރެއަށް އެނބުރި އައިސްފައެއް ނުވެއެވެ. އަދި ކުޅުމުގެ ތެރެއަށް އެނބުރި އާދެވެންދެން ޕޯޓޯ އިން ވަނީ އެޓީމުގެ ކޯޗިން ސްޓާފުންގެ ތެރޭގައި ހިމެނިގެން މަސައްކަތް ކުރުމުގެ ފުރުސަތު ކަސިޔަސް އަށް ދީފައެވެ.

މީގެއިތުރުން މިއަހަރުގެ ފެބްރުއަރީ މަހު ކަސިޔަސް ވަނީ ސްޕެއިންގެ ފުޓްބޯޅަ އިދާރާގެ ރައީސްކަމުގެ މަގާމަށް ވާދަކުރައްވާނެކަން ވެސް އިއުލާންކޮށްފައެވެ. ނަމަވެސް އޭގެ މަސްތަކެއްފަހުން އޭނާ ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.