Last Updated: April 26, 23:59
Friday, April 26, 2024
ކުޅިވަރު

ފުލަމް އެނބުރި ޕްރިމިއާ ލީގަށް

އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ޕްލޭއޮފް ފައިނަލުގައި ބްރެންޓްފޯޑުގެ މައްޗަށް 2-1 އިން ކުރި ހޯދައި ފުލަމް އަލުން އިނގިރޭސި ޕްރިމިއާ ލީގުން ފުރުސަތު ހޯދައިފިއެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވިއިރު ދެ ޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައި ނުވާއިރު ގޯލެއް ކާމިޔާބު ކުރަން މާ ރަނގަޅު ފުރުސަތެއް ވެސް ތަނަވަސްކުރެވިފައެއް ނުވެއެވެ.

90 މިނެޓް ހަމަވިއިރު ނަތީޖާ އަށް ބަދަލެއް އައިސްފައި ނުވުމުން ދެން ކުޅުނީ އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުމެވެ. އެގޮތުން އިތުރު ވަގުތުގެ ފުރަތަމަ ހާފްގައި ބްރެންޓްފޯޑްގެ ޕެނަލްޓީއޭރިއާގެ ބޭރުން ލިބުނު ހިލޭޖެހުމަކުން ޖޯ ބްރަޔަން ވަނީ ފުލަމް އަށް ލީޑު ނަގާދީފައެވެ.

ފުލަމްގެ މި ގޯލާއެކު ބްރެންޓްފޯޑުން ނަތީޖާ އެއްވަރުކުރުމަށް ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅެމުންދަނިކޮށް ފުލަމް އިން އުފެއްދި ކައުންޓަ އެޓޭކެއްގައި މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް އެޓީމުގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ ބްރަޔަން އެވެ. ބްރެންޓްފޯޑުގެ ހަމައެކަނި ގޯލު މި މެޗުގައި ކާމިޔާބުކޮށްދިނީ ޑަލްސްގާޑް އެވެ.

ފުލަމް އަކީ މިދިޔަ އަހަރުގެ ޕްރިމިއާ ލީގުގައި ކުޅެ ރެލިގޭޓްވި ޓީމެއް ކަމަށްވާއިރު، އަންނަ ސީޒަނަކީ އެޓީމުން ޕްރިމިއާ ލީގުގައި ކުޅޭނެ 15 ވަނަ ސީޒަނެވެ.

ފުލަމްގެ އިތުރުން ދެން އިނގިރޭސި ދެވަނަ ޑިވިޝަނުން ޕްރިމިއާ ލީގަށް ޕްރޮމޯޓްވި އަނެއް ދެ ޓީމަކީ ލީޑްސް ޔުނައިޓެޑާއި ވެސްޓްބްރޮމް އެވެ.