Last Updated: June 8, 05:57
Sunday, June 8, 2025
ދުނިޔެ

އޮސްޓްރޭލިއާ އިން ލުބްނާނަށް 1.4 މިލިއަން ޑޮލަރު ދެނީ

ލުބްނާންގެ ވެރިރަށް ބެއިރޫތްގައި އިއްޔެ ގޮވި ބާރުގަދަ ގޮވުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީވުމުމުގެ ގޮތުން އޮސްޓްރޭލިއާ އިން ލުބްނާނަށް 1.4 މިލިއަން ޑޮލަރު ދިނުމަށް ނިންމައިފިއެވެ.

އޮސްޓްރޭލިއާގެ ހާރިޖީ ވަޒީރު މެރީސް ޕޭން ވިދާޅުވީ ވޯލްޑް ފުޑް ޕްރޮގްރާމާއި ރެޑް ކްރެސެންޓް މެދުވެރިކޮށް މި ފައިސާ އިން ބެއިރޫތްގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކެއިން ބުއިމާއި، ސިއްހީ ފަރުވާގެ އިތުރުން ދެން ވެސް ލިބެންޖެހޭ އަސާސީ ހިދުމަތްތައް ކަށަވަރު ކުރާނެ ކަމަށެވެ.

އިއްޔެގެ ހާދިސާގައި އޮސްޓްރޭލިއާގެ ރައްޔިތަކު މަރުވެފައިވާއިރު، ލުބްނާނުގައި ހުންނަ އޮސްޓްރޭލިއާގެ އެމްބަސީ އަށް ވެސް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.

ބެއިރޫތްގައި އިއްޔެ ގޮވި ބާރުގަދަ ގޮވުމުގެ ސަބަބުން 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު 4000 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިގެން ގޮސްފައެވެ. މި ހާދިސާއާ ގުޅިގެން ބެއިރޫތްގެ ތިން ލައްކަ މީހުން ވަނީ ވަންނާނެ ތަނެއް ނެތި މަގުމަތިވެފައެވެ.

މި ގޮވުމުގެ ސަބަބުން އެގައުމުގެ ބައެއް ހޮސްޕިޓަލުތައް ބިމާ ހަމަވެފައިވާއިރު، ގިނަ ގައުމުތަކުން މިހާރު އަންނަނީ ސިއްހީ ސާމާނާއި އަދި މި ހާދިސާގައި އަނިޔާވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހަޅަމުންނެވެ.

މި ގޮވުމުގެ ސީދާ ސަބަބު ދަނެގަނެވިފައިނުވި ނަމަވެސް، އޮފިޝަލުން ވަނީ ޕޯޓު ސަރަހައްދުގައި ގުދަން ކޮށްފައި ހުރި ގިނަ އަދަދެއްގެ އެމޯނިއަމް ނައިޓްރޭޓަކީ ގޮވުމާއި ގުޅުން ހުރި ކެމިކަލެއް ކަމަށް ބުނެފައެވެ. މީގެ ހަ އަހަރު ކުރިން އެތަނުގައި ގުދަން ކުރި މި ބާރުގަދަ ކެމިކަލްގެ 2،700 ޓަން އެތަނުގައި ހުންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.