Last Updated: April 26, 22:09
Friday, April 26, 2024
ޚަބަރު

ތިނަދޫ ހޮސްޕިޓަލުން ކޮވިޑަށް ޓެސްޓު ކުރަން ފަށައިފި

ތިނަދޫ ހޮސްޕިޓަލުގައި ކޮވިޑަށް ޓެސްޓު ކުރަނީ - ފޮޓޯ: ތިނަދޫ ހޮސްޕިޓަލް

ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު ހޮސްޕިޓަލުން ކޮވިޑް-19 އަށް ޓެސްޓު ކުރަން ފަށައިފިއެވެ.

އެ ހޮސްޕިޓަލުން ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮވިޑަށް ޓެސްޓް ކުރެވޭނެ ވަސީލަތްތައް ގާއިމް ކުރުމަށް ފަށާފައިވާ ޕްރޮޖެކްޓްގެ ދަށުން އެ ހޮސްޕިޓަލުގައި ވެސް މިއަދު ކޮވިޑަށް ޓެސްޓު ކުރުމުގެ ހިދުމަތް ފަށާފައިވާ ކަމަށެވެ.

ތިނަދޫ ހޮސްޕިޓަލުގައި ކޮވިޑަށް ޓެސްޓު ކުރަން ފަށާފައިވާއިރު އެ ހޮސްޕިޓަލުން ދުވާލެއްގެ މައްޗަށް 48 ސާމްޕަލް ޓެސްޓު ކުރެވޭނެ އެވެ.

ތިނަދޫގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ބައްޔަށް ޓެސްޓު ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. އެގޮތުން އައްޑޫ އާއި ކުޅުދުއްފުށި އަދި އުނގޫފާރޫގައި ވެސް އަންނަނީ މި ބައްޔަށް ޓެސްޓު ކުރަމުންނެވެ.

ރާއްޖެއިން މިހާތަނަށް ވަނީ މި ބައްޔަށް ޓެސްޓު ކުރުމަށް 83،000 އަށް ވުރެ ގިނަ ސާމްޕަލް ނަގާފައެވެ.

މި ބައްޔަށް ޓެސްޓު ކުރުމުގެ އިތުރުން ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދެވޭނެ އިންތިޒާމު ސަރުކާރުން މިހާރު ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ހަމަޖައްސާފައެވެ.