Last Updated: April 25, 18:52
Thursday, April 25, 2024
ކުޅިވަރު

ޔުނައިޓެޑާއި އިންޓަ ކުއާޓާ އަށް

ޔޫރޮޕާ ލީގުގެ ކުއާޓާފައިނަލަށް މެންޗެސްޓަރ ޔުނައިޓެޑާއި އިންޓަ މިލާން ދަތުރުކޮށްފިއެވެ.

ޔުނައިޓެޑް މުބާރާތުގެ ކުއާޓާ އަށް ދަތުރުކުރީ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ އޮސްޓްރިއާގެ ލަސްކްގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 5-0 އިން ޔުނައިޓެޑް ކާމިޔާބުކޮށްފައިވުމުން އެޓީމު ކުއާޓާ އަށް ދަތުރުކުރީ 7-1 ގެ އެގްރިގޭޓް ނަތީޖާ އިންނެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ވީސިންގާ ވަނީ ލަސްކް އަށް ލީޑު ނަގާދީފައެވެ. ނަމަވެސް މެޗުގެ 57 ވަނަ މިނެޓްގައި ޖެސީ ލިންގާޑް ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދިންއިރު މެޗުގެ 88 ވަނަ މިނެޓްގައި އެންތޮނީ މާޝިއަލް ވަނީ މި މެޗުން ޔުނައިޓެޑް މޮޅުވި ގޯލު ކާމިޔާބުކޮށްދީފައެވެ.

މުބާރާތުގެ ކުއާޓާފައިނަލްގައި ޔުނައިޓެޑުން ނިކުންނާނީ ޑެންމާކުގެ އެފްސީ ކޮޕަންހޭގަންއާ ދެކޮޅަށެވެ.

އިންޓަ މިލާން މުބާރާތުގެ ކުއާޓާ އަށް ދަތުރުކުރީ ރޭ ކުޅުނު ދެވަނަ ބުރުގެ މެޗުގައި ގެތާފޭގެ މައްޗަށް 2-0 އިން ކުރި ހޯދައިގެންނެވެ.

މި ދެ ޓީމު ބައްދަލުކުރަން ހަމަޖެހިފައި އޮތް ފުރަތަމަ ލެގުގެ މެޗު ކޮވިޑް-19 އާއި ގުޅިގެން ފަސްކުރަން ޖެހުނުއިރު ރޭ މި ދެ ޓީމު ބައްދަލުކުރި މެޗު ކުޅެފައިވަނީ ޖަރުމަނުގައެވެ. އެގޮތުން މި މެޗުގައި އިންޓަ އިން ކާމިޔާބުކުރި ދެ ގޯލު ކާމިޔާބުކޮށްދިނީ ލުކާކޫ އާއި އެރިކްސަން އެވެ.

މުބާރާތުގެ ކުއާޓާގައި އިންޓަ ނިކުންނާނީ ރޭޖާންސް އާއި ބަޔާ ލެވަކޫސަން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.