Last Updated: March 29, 14:00
Friday, March 29, 2024
ދުނިޔެ

ބެއިރޫތްގެ ބާރުގަދަ ގޮވުން: މަރުވި މީހުންގެ އަދަދު 137 އަށް

ލުބްނާންގެ ވެރިރަށް ބެއިރޫތްގައި މިދިޔަ އަންގާރަ ދުވަހު ގޮވި ބާރުގަދަ ގޮވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 130 އަށް ވުރެ މައްޗަށް އަރައިފިއެވެ.

ލުބްނާންގެ ހެލްތު މިނިސްޓްރީން ބުނީ ބެއިރޫތްގެ ޕޯޓު ސަރަހައްދުގައި ހިނގި އެ ހާދިސާއާ ގުޅިގެން މިހާތަނަށް 137 މީހަކު މަރުވެފައިވާ ކަމަށާއި އަދި 5،000 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. އަދި އިމާރާތްތަކުގެ ދަށުވެފައި ވެސް މީހުން ތިބޭނެ ކަމަށް ލަފާކުރެވޭތީ މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މި ގޮވުމުގެ ސީދާ ސަބަބު ދަނެގަނެވިފައިނުވި ނަމަވެސް، އޮފިޝަލުން ވަނީ ޕޯޓު ސަރަހައްދުގައި ގުދަން ކޮށްފައި ހުރި ގިނަ އަދަދެއްގެ އެމޯނިއަމް ނައިޓްރޭޓަކީ ގޮވުމާއި ގުޅުން ހުރި ކެމިކަލެއް ކަމަށް ބުނެފައެވެ. މީގެ ހަ އަހަރު ކުރިން އެތަނުގައި ގުދަން ކުރި މި ބާރުގަދަ ކެމިކަލްގެ 2،700 ޓަން އެތަނުގައި ހުންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ގޮވުމުގެ ސަބަބުން ގާތްގަނޑަކަށް ތިން ލައްކަ މީހުން މަގުމަތި ވެފައިވާ ކަމަށާއި ލިބުނު ގެއްލުމުގެ އަދަދު ތިން ބިލިއަނަށް ވުރެ ވެސް މަތި ކަމަށް ބެއިރޫތްގެ ގަވަރުނަރު މަރްވާން އަބޫދު ވަނީ ވިދާޅުވެފައެވެ. އަދި މި ގޮވުމުގެ ސަބަބުން ބެއިރޫތްގެ ދެބައިކުޅަ އެއްބައި އޮތީ ގެއްލުމުގެ ތެރޭގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ޔޫރަޕާއި މެދުއިރުމަތީގެ ގައުމުތަކުން މިހާރު އަންނަނީ ލުބްނާނަށް ކާބޯތަކެއްޗާއި ސިއްހީ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިއަދުގެ ވަގުތެއްގައި ލުބްނާންގެ ހާލަތު ބައްލަވައިލެއްވުމަށް ފްރާންސްގެ ރައީސް އިމެނުއަލް މެކްރޮން އެގައުމަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.