Last Updated: April 19, 22:45
Friday, April 19, 2024
ދުނިޔެ

އިންޑިއާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު ދެ މިލިއަނަށް

އިންޑިއާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ދެ މިލިއަނަށް އަރައިފިއެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނީ ފާއިތުވި 24 ގަޑިއިރުތެރޭ 62،538 މީހުން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް މިއީ ރެކޯޑު އަދަދެއް ކަމަށެވެ. އަދި އިއްޔެއިން ފެށިގެން މި ބަލީގައި އިތުރު 886 މީހަކު މަރުވެފައިވާ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

މި އަދަދުތަކާއެކު މި ބައްޔަށް އިންޑިއާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ ދެ މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 41،000 އަށް ވުރެ މައްޗަށް އަރާފައެވެ.

ކޮވިޑަށް އެންމެ ފުރަތަމަ އިންޑިއާ އިން މީހަކު ޕޮޒިޓިވްވީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ޕޮޒިޓިވްވި މީހުންގެ އަދަދު މިލިއަނަކަށް އަރާފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. މިދިޔަ މަހަކީ މި ބައްޔަށް އިންޑިއާ އިން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވީ މަހެވެ.

އިންޑިއާ އަކީ ތިންވަނަ އަށް މި ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާ ގައުމެވެ. މި ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ އެމެރިކާ އިން ކަމަށްވާއިރު ދެވަނައިގައި އޮތީ ބްރެޒިލް އެވެ.