Last Updated: April 25, 11:51
Thursday, April 25, 2024
ދުނިޔެ

އުމުރުން 95 އަހަރުގައި މަހާތީރު އާ ޕާޓީއެއް އުފައްދަވަނީ

އުމުރުފުޅުން 95 އަހަރުގައި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރް މުހައްމަދު އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމަވައިފިއެވެ.

މަހާތީރް އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވީ 2016 ވަނަ އަހަރު އޭނާ އުފެއްދެވި ޔުނައިޓެޑް އިންޑިޖިނަސް ޕާޓީން (ބަރުސަތޫ) އޭނާ ބޭރުކޮށްލި މައްސަލަ އެގައުމުގެ ހައިކޯޓަށް ހުށަހެޅުއްވުމުން ނާކާމިޔާބު ވުމާ ގުޅިގެންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަހާތީރް ވިދާޅުވީ އާ ޕާޓީ ކިޔާނެ ނަމެއް އަދި މުޅިން ނުނިންމާ ކަމަށާއި މި ޕާޓީން މެލޭޝިއާގައި މިހާރު ވެރިކަން ކުރަމުންދާ ޕެރިކަޓަން ނޭޝަނަލް ކޯލިޝަނާއި އަދި އިދިކޮޅުގައި އޮތް ޕަކަޓަން ހަރަޕަން އާއެކު ވެސް ކޯލިޝަން ނުހަދާނެ ކަމަށެވެ.

އަލަށް އުފައްދާ ޕާޓީން މަސައްކަތް ކުރާނީ ކޮރަޕްޝަނާއި ދެކޮޅަށް ކަމަށާއި އަދި މެލޭޝިއާ އަލުން އަނބުރާ އޭޝިއާ ސަރަހައްދުގެ ގަދަ ބާރަކަށް ހެދުމަށް ވެސް އެ ޕާޓީން މަސައްކަތް ކުރާނެ ކަމަށް މަހާތީރް ވިދާޅުވިއެވެ.

މަހާތީރް އާއެކު މި ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވަނީ ބަރުސަތޫ ޕާޓީން ވަކިކޮށްފައިވާ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ހަތަރު މެމްބަރެކެވެ.

ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް ކުރެވި އަދި ދާދިފަހުން 12 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވާ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާ ދެކޮޅަށް 2018 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައި މަހާތީރް ވަނީ އެގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމާއި ހަވާލުވެ ވަޑައިގެންފައެވެ.

ނަމަވެސް އެގައުމުގެ ވެރިކަން ކުރާ ކޯލިޝަނުގެ ތެރޭގައި ނުތަނަވަސްކަން އުފެދި، މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މަހާތީރު ވަނީ މަގާމުން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވާފައެވެ. ވެރިކަމުން އިސްތިއުފާ ދެއްވުމަށްފަހު އާ ކޯލިޝަނަކާއެކު ވެރިކަމަށް އަލުން ވަޑައިގަންނަވަން ވެސް މަހާތީރު މަސައްކަތް ކުރެއްވިއެވެ.

އެކަން މަހާތީރަށް ކާމިޔާބު ވެފައިނުވާއިރު، އެގައުމުގެ ބޮޑުވަޒީރުކަން މިހާރު ކުރައްވަމުން ގެންދަވަނީ މަހާތީރުގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި މުހްޔިއްދީން ޔާސީން އެވެ. އަދި މަހާތީރު މީގެކުރިން އުފެއްދި ބަރުސަތޫ ޕާޓީގެ ރައީސަކީ ވެސް މިހާރު މުހްޔިއްދީން އެވެ.