Last Updated: April 26, 15:02
Friday, April 26, 2024
ކުޅިވަރު

ރެއާލް ބަލިކޮށް ސިޓީ ކުއާޓާ އަށް

2-1 އިން ރެއާލް މެޑްރިޑް ބަލިކުރުމަށްފަހު ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލަށް މެންޗެސްޓަރ ސިޓީ ދަތުރުކޮށްފިއެވެ.

މި ދެ ޓީމު ބައްދަލުކުރި ދެވަނަ ބުރުގެ ފުރަތަމަ ލެގުގެ މެޗު ވެސް 2-1 އިން ކާމިޔާބުކޮށްފައިވަނީ ސިޓީން ކަމަށްވާއިރު އެ ޓީމު ކުއާޓާ އަށް ދަތުރުކުރީ 4-2 ގެ އެގްރިގޭޓް ނަތީޖާ އިންނެވެ.

ސިޓީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ 9 ވަނަ މިނެޓްގައި ރަހީމް ސްޓާލިން ވަނީ ސިޓީ އަށް ލީޑު ނަގާދީފައެވެ. މި ގޯލަކީ ރެއާލްގެ ޑިފެންޑަރު ވަރޭން އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި ގެބްރިއަސް ޖީސެސް ދިން ޕާހަކުން ސްޓާލިން ކާމިޔާބުކުރި ގޯލެކެވެ.

ނަމަވެސް މެޗުގެ 28 ވަނަ މިނެޓްގައި ކަރީމް ބެންޒެމާ ވަނީ ރެއާލް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ރެއާލްގެ އެޓޭކުގައި ރޭ އެންމެ ނުރައްކާތެރިކޮށް ފެނިގެން ގޮސްފައިވަނީ ވެސް ބެންޒެމާ އެވެ.

ދެ ޓީމު ވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 68 ވަނަ މިނެޓްގައި ގެބްރިއަލް ޖީސެސް ވަނީ ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މި ގޯލަކީ ވެސް ރެއާލްގެ ޑިފެންޑަރު ވަރޭން އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި ކާމިޔާބުކުރި ގޯލެއްކަން ފާހަގަކޮށްލެވެއެވެ.

މި ގޯލަށްފަހު ވެސް ސިޓީ އަށް ވަނީ ލީޑު އިތުރަށް ފުޅާކޮށްލަން ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެގެން ގޮސްފައެވެ.

މުބާރާތުގެ ކުއާޓާފައިނަލްގައި ސިޓީ ބައްދަލުކުރާނީ ފްރާންސްގެ ލިޔޯން އާއެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާއާ ހިސާބުން ހުރިހާ މެޗެއް ވެސް ދެން ކުޅޭނީ ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައި ކަމަށްވާއިރު ހުރިހާ މެޗެއް ވެސް ކުޅޭނީ އެއް ލެގަށެވެ.