Last Updated: March 29, 10:16
Friday, March 29, 2024
ކުޅިވަރު

ޗެމްޕިއަންސް ލީގުން ޔުވެންޓަސް ކަޓައިފި

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ 2-1 އިން ލިޔޯން އަތުން މޮޅުވި ނަމަވެސް އަވޭ ގޯލުން ކުރި ނުލިބުމުން މުބާރާތުން ޔުވެންޓަސް ކަޓައިފިއެވެ.

މި ދެ ޓީމު ބައްދަލުކުރި ދެވަނަ ބުރުގެ ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބުކޮށްފައިވަނީ ލިޔޯން އިންނެވެ. ރޭގެ މެޗުގެ ނަތީޖާއާއެކު މި ދެ ޓީމު ވެސް އެގްރިގޭޓް ނަތީޖާ އިން 2-2 އިން އެއްވަރުވެފައިވީ ނަމަވެސް އަވޭ ގޯލުން ކުރި ހޯދައިގެން ލިޔޯން ވަނީ މުބާރާތުގެ ކުއާޓާ އިން ޖާގަ ހޯދާފައެވެ.

ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ ލިޔޯން އިންނެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ލިޔޯން އަށް މި ގޯލު ކާމިޔާބުކޮށްދިނީ މެމްފިސް ޑެޕާއޭއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ދެ މިނެޓް ކުރިން ލިބުނު ޕެނަލްޓީއަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޔުވެންޓަސް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އަދި މެޗުގެ 60 ވަނަ މިނެޓްގައި ރޮނާލްޑޯ ވަނީ ޔުވެންޓަސްގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދީ އެޓީމަށް އުއްމީދު ގެނެސްދީފައެވެ. އިތުރު ގޯލެއް ކާމިޔާބުކުރަން ޔުވެންޓަސް އަށް މަޖުބޫރުވެފައިވާތީ ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅުނު ނަމަވެސް އެޓީމަށް ވަނީ އެކަން ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.

މިއީ 16-2015 ވަނަ ސީޒަނަށްފަހު މުބާރާތުގެ ކުއާޓާއަށް ނުގޮސް ޔުވެންޓަސް ކެޓި ފުރަތަމަ ފަހަރެވެ. އަދި މިއީ 2010 ވަނަ އަހަރަށްފަހު މުބާރާތުގެ ކުއާޓާ އަށް ލިޔޯން ދަތުރުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މުބާރާތުގެ ކުއާޓާގައި ލިޔޯން ނިކުންނާނީ މެންޗެސްޓަރ ސިޓީއާ ދެކޮޅަށެވެ.