Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ކޮވިޑްގެ ފިޔަވަޅުތަކާއި މެދު ރައްޔިތުން ދެކޭގޮތް މަޖިލީހުން ބަލަނީ

ކޮވިޑްގެ ކަންކަމުގައި އުޅޭ ފަރާތްތަކެއް - ފޮޓޯ: ހެލްތު މިނިސްޓްރީ

ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި މެދު އާންމު ރައްޔިތުންނާއި ސިއްހީ ދާއިރާގެ ކަމާ ގުޅޭ ބޭފުޅުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފި އެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކޯވިޑް-19 ގެ ޕެންޑަމިކް އާއި ގުޅިގެން ހެލްތް މިނިސްޓްރީން ކަންކަން ހިންގަމުން ގެންގޮސްފައިވާ ގޮތާއި މިހާރު ކުރިޔަށް ގެންދާގޮތާއި ކުރިޔަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިޔަށް ގެންދަން ރާވާފައިވާ ގޮތްތަކާއި މެދު ސިއްހީ ފަރާތްތަކާއި އާންމުންގެ ހިޔާލު ހޯދަން ހުޅުވާލާފައިވާ ކަމަށެވެ.

އެހެންކަމުން ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި، އަމަލުކުރަމުންދާ އުސޫލުތަކާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދިޔުމަށް ފެންނަ ގޮތުގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ މި މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ހުށަހެޅުމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

އެގޮތުން ހިޔާލު ފާޅު ކުރަން ބޭނުންވާ ފަރާތްތަކުން committee@majlis.gov.mv އަށް އީމެއިލް ކުރުމަށް މަޖިލީހުން ވަނީ އެދިފައެވެ.

ކޮވިޑާއި ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށްފަހު ބައެއް ފިޔަވަޅުތައް އަނެއްކާވެސް މިހާރު ވަނީ ހަރުކަށިކޮށްފައެވެ. އެގޮތުން ފިޔަވަޅުތައް ހަރުކަށި ކުރީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ އެވެ.

އެގޮތުން އެޗްޕީއޭ އިން ވަނީ ރޭގަނޑު 10 އިން ފެށިގެން ފަތިހު 5 އާއި ހަމައަށް މާލެ ސަރަހައްދުގައި ކާފިއު ހިންގުމަށް ނިންމައި މާލޭ ސަރަހައްދުގައި އެއްވެސް ވަގުތެއްގައި އެއްފަހަރާ ފަސް މީހުންނަށްވުރެ ގިނައިން މީހުން އެއްވެ އުޅުން މަނާކޮށްފައެވެ.