Last Updated: April 25, 22:42
Friday, April 26, 2024
ކުޅިވަރު

ބާސާ އާއި ބަޔާން ކުއާޓާ އަށް

ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލަށް ބާސެލޯނާ އާއި ބަޔާން މިއުނިކު ދަތުރުކޮށްފިއެވެ.

ބާސާ ކުއާޓާ އަށް ދަތުރުކުރީ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ 3-1 އިން ނަޕޯލީގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ނަޕޯލީގެ ދަނޑުގައި ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު ބާސާ އަނެއް ބުރަށް ދަތުރުކުރީ 4-2 ގެ އެގްރިގޭޓުންނެވެ.

ރޭގެ މެޗުގައި ބާސާ އިން ކާމިޔާބުކުރި ފުރަތަމަ ގޯލު މެޗުގެ 10 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ކްލެމެން ލެންގްލޭ އެވެ. އަދި މެޗުގެ 23 ވަނަ މިނެޓްގައި ލިއޮނަލް މެސީ ބާސާ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު އެޓީމުގެ ތިންވަނަ ގޯލު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒް އެވެ.

ނަޕޯލީން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ގޯލު ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ލޮރެންޒޯ އިންސިންޔޭއެވެ.

ބަޔާން މުބާރާތުގެ ކުއާޓާ އަށް ދަތުރުކުރީ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ ޗެލްސީގެ މައްޗަށް 4-1 އިން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ޗެލްސީގެ ދަނޑުގައި ކުޅުނު މެޗު 3-0 އިން ކާމިޔާބުކުރީ ބަޔާން އިން ކަމަށްވާއިރު، އެޓީމު ކުއާޓާ އަށް ދަތުރުކުރީ 7-1 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.

ބަޔާން އިން މޮޅަށް ކުޅުނު މި މެޗުގައި އެޓީމުން ކާމިޔާބުކުރި ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ރޮބަޓް ލެވެންޑޯސްކީ އެވެ. އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ އިވާން ޕެރިސިޗް އާއި ޓޮލީސޯއެވެ. ޗެލްސީގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ޓެމީ އަބްރަހަމް އެވެ.

މުބާރާތުގެ ކުއާޓާގައި ބާސާ ބައްދަލުކުރާނީ ބަޔާން އާއެވެ. ކުއާޓާގެ އެހެން މެޗުތަކަށް ބަލާއިރު މެންޗެސްޓާ ސިޓީ އާއި ލިޔޯން ވާދަކުރަން ޖެހޭއިރު އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރާނީ އާރްބީ ލީޕްޒިގްއާ އެވެ. އަދި ޕީއެސްޖީ ނިކުންނާނީ އެޓަލާންޓާއާ ދެކޮޅަށެވެ.

އެހެން އަހަރުތަކާއި ހިލާފަށް މިފަހަރު ކުއާޓާފައިނަލްގައި ކުޅޭނީ އެއް ލެގު ކަމަށްވާއިރު. ކުއާޓާގެ މެޗުތައް ފަށާނީ އަންނަ ބުދަ ދުވަހުއެވެ.