Last Updated: April 25, 12:03
Thursday, April 25, 2024
ރިޕޯޓް

ކޮވިޑްގެ ބިރުވެރިކަން އައްޑޫއަށް! އިރުޝާދުތަކަށް ބޯލަނބާ!

ވެކްސިނެއް މިހާތަނަށް ހޯދިފައި ނުވާ ކޮވިޑް-19ގެ ބަލިމަޑުކަން ރާއްޖޭގައި ފެތުރެމުން ގޮސް އެންމެ ފަހުން މި ބަލި މިވަނީ ރާއްޖޭގެ އެންމެ ދެކުނުން އައްޑޫއަށް ފޯރާފައެވެ.

މާލެއިން ހޯމް ކަރަންޓީނަށް އައި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި އެކު މި ބަލިމިވަނީ އައްޑޫއަށް ފޯރާފައެވެ. އެއާއި އެކު އައްޑޫގެ ގިނަ ބަޔަކަށް މިވަނީ ކުއްލި ސިހުމެއް ލިބިފައެވެ.

ކަރަންޓީނަށް މާލެއިން އައި ފުލުހަކު ޕޮޒިޓިވްވިކަން ފުރަތަމަ އެނގުނީ ރޭގެ ވަގުތެއްގައެވެ. އެމީހާ އާއި ޑައިރެކްޓު ކޮންޓެކްޓުވި އޭނާގެ އަންހެނުންގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމަށް މަސައްކަތް ކުރަމުން އަންނަ އިރު އެ ކޭސް އާއި ގުޅޭ އިތުރު ބަޔަކު ތިބިތޯ އަންނަނީ ބަލަމުންނެވެ.

ފުރަތަމަ ކޭސްއަށް ފަހު މިއަދު ފެނުނު ދެވަނަ ކޭސް އަކީ މާލެއިން އައްޑޫއަށް ކަރަންޓީނަށް އައި ބަންގުލަދޭޝްގެ މީހެކެވެ. އައްޑޫ ހައި ސްކޫލްގެ ހޯލް އިމާރާތް ކުރަމުން އަންނަ އިނާކޯގެ ބިދޭސީ މުވައްޒަފު މީހާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ 14 ދުވަހުގެ ކަރަންޓީނަށް ފަހު އިއްޔެ ނެގި ސާމްޕަލް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެމީހާ އާއި ކޮންޓެކްޓުވީ އަދި ކިތައް މީހުންކަން ސާފެއް ނެވެއެވެ.

* ހޯމް ކަރަންޓީނަށް އަންނަ މީހުން މޮނިޓަރ ނުކުރޭ!

މާލެ ސަރަހައްދުގެ ލޮކްޑައުން އުވާލައި، މާލެއިން އަތޮޅުތަކަށް ހޯމް ކަރަންޓީނަށް މީހުން ފޮނުވަން ދޫކޮށްލުމާއި އެކު އެކި ރަށްތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އަންނަނީ އިތުރުވަމުންނެވެ.

ހަރުދަނާ ނިޒާމެއް ނެތި، "އެމީހަކާއި، އެމީހަކަށް" ދޫކޮށްލާ ހޯމް ކަރަންޓީނު އުސޫލާއި އެކު މާލެއިން ރަށްތަކަށް މީހުން އަންނަން ފެށުމާއި އެކު ގިނަ ބައެއްގެ ކަންބޮޑުވުމާއި ޝަކުވާ ބޮޑުވިއެވެ. ނަމަވެސް ހެލްތު ޕޮރޮޓެކްޝަން އެޖެންސީން ހަމަޖައްސާފައިވަނީ އެ އުސޫލުން މީހުން ރަށްތަކަށް ފޮނުވުމަށެވެ. އަދި ހޯމް ކަރަންޓީނުގެ 14 ދުވަސް ހަމަވުމުން ސާމްޕަލް ނަގައި ޓެސްޓު ކުރުމަށެވެ.

މާލެ ސަރަހައްދުގެ ލޮކްޑައުން އުވާލުމާއި އެކު އެންމެ ގިނަ ބަޔަކު އައިސްފައިވަނީ އައްޑޫއަށެވެ. އައްޑޫއަށް ހޯމް ކަރަންޓީނަށް އަންނަ ގިނަ މީހުން ކަރަންޓީނުގައި ނުތިބޭކަމުގެ ވާހަކަތައް އަބަދުވެސް އިވެއެވެ. އަދި އަމުދުން ހޯމް ކަރަންޓީނުކޮށްފައިވާ ގެތަކުގައި ތިބޭ މީހުން ގެއިން ބޭރަށްދާ ކަމުގެ ޝަކުވާ އަކީވެސް އަބަދުވެސް އިވޭ އަޑުތަކެވެ.

ކޮވިޑު-19 އާއި ގުޅިގެން ފުރަތަމަ އެޅި ފިޔަވަޅުތައް ދޫކޮށްލުމާއި އެކު ރަށްތަކުގައި ހަދާފައިވާ ޓާސްކުފޯސްތަކުގެ އަޑުވެސް ވަނީ ކެޑިފައެވެ. ހޯމް ކަަރަންޓީނު ކުރެވޭ ތަންތަނުގެ މައުލޫމާތުތައްވެސް އާއްމު ކުރާތަނެއް ނުފެނެއެވެ. އަމުދުން ކައުންސިލްގެ ދައުރެއް ނުފެނެއެވެ.

* އިރުޝާދުތަކަށް ބޯލަނބަނީ މަދުބައެއް!

ކޮވިޑް-19 އާއި ގުޅިގެން ހެލްތު ޕޮރޮޓެކްޝަން އެޖެންސީން އަންނަނީ މީހުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ކޮވިޑުން ރައްކާތެރިވުމަށް އަޅަން ޖެހޭ ގިނަ ފިޔަވަޅުތައް ދަނީ ކިޔައިދެމުންނެވެ. މާސްކު އެޅުމާއި، މީހުން ގިނައިން އެއްވެ ނޫޅުމާއި، ރަނގަޅަށް ސައިބޯނި ލައިގެން އަތް ދޮވުމަށް އަންނަނީ އިރުޝާދު ދެމުންނެވެ.

ހާއްސަކޮށް ހޯމް ކަރަންޓީނަށް އަންނަ މީހުން، އެކަހެރިކޮށް ތިބުމަށާއި، ފަރުދީ ޒިއްމާ އެންމެން އަދާ ކުރުމަށް އަންނަނީ އިރުޝާދު ދެމުންނެވެ. ނަމަވެސް މި އަޑު އަހާ މީހުން އަންނަނީ މަދުވަމުންނެވެ. ނަތީޖާއަކީ ބަލި ޖެހޭ މީހުން އިތުރުވެ، ސިއްހީ ދާއިރާއަށް ބާރު ބޮޑުވަމުން އައުމެވެ.