Last Updated: April 25, 20:04
Thursday, April 25, 2024
ޚަބަރު

ޝަރަފުއްދީން ސްކޫލް ދެ ދުވަހަށް ބަންދުކޮށްފި

ޝަރަފުއްދީން ސްކޫލްގެ ދަރިވަރުންތަކެއް - ފޮޓޯ: ޝަރަފުއްދީން ސްކޫލް

އައްޑޫ ސިޓީ ހިތަދޫގައި ހިންގަމުން އަންނަ ޝަރަފުއްދީން ސްކޫލް ދެ ދުވަހަށް ބަންދުކޮށްފިއެވެ.

ޝަރަފުއްދީން ސްކޫލްގެ ސުޕަވައިޒަރަކު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމުގެ ގޮތުން އެޗްޕީއޭ އިން ހިތަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާތީ މާދަމާ އަދި އަންގާރަ ދުވަހު އެ ސްކޫލް ބަންދުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސާފައިވާ ކަމަށެވެ.

އެޗްޕީއޭ އިން ހިތަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު ހިތަދޫ ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ކޮވިޑަށް މިއަދު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އައްޑޫ ސިޓީ ފޭދޫގެ ހޯމް ކަރަންޓީނުގައި ހުރި މީހަކު ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެމީހާ އައްޑޫ އަށް އައިސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ހުރެ ސާމްޕަލް ދިނުމަށްފަހުއެވެ. ނަތީޖާ ލިބިފައިވަނީ ރޭގެ ވަގުތެއްގައެވެ.

ކޮވިޑް-19 މާލޭގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ އިރު އަތޮޅުތަކަށްވެސް މިހާރު ބަލި ވަނީ ފެތުރިފައެެވެ. އެގޮތުން ބަލި ރަށްތަކަށް ގޮސްފައިވަނީ ހޯމް ކަރަންޓީނަށް ދާ މީހުންނާއި، ކަޑު ބޯޓު ފަހަރުން ދަތުރު ކުރާ މީހުން ޕޮޒިޓިވްވެގެންނެވެ.