Last Updated: April 26, 10:11
Friday, April 26, 2024
ޚަބަރު

އައްޑޫ ފްލޫ ކްލިނިކުން ކޮވިޑްގެ އަލާމާތް ހުންނަ މީހުން ޓެސްޓު ނުކުރާ މައްސަލައެއް!

އައްޑޫ ސިޓީ ފްލޫ ކްލިނިކުން ކޯވިޑް-19ގެ އަލާމާތްތައް ހުރެގެން ކްލިނިކަށް ދައްކާ މީހުން ޓެސްޓު ނުކުރާ މައްސަލައެއް ފެންމަތި ވެއްޖެއެވެ.

އައްޑޫ ސިޓީ ހިތަދޫ އަށް ނިސްބަތްވާ އަންހެނަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، އޭނާ ރޯގާ ޖެހި، ކެއްސާ، ނޭވާ ލާން އުނދަގޫ ވެގެން އުޅޭތާ މިއީ ތިން ވަނަ ހަފްތާ އެވެ. އަދި ފްލޫ ކްލިނިކަށް ދެއްކުމުން އޭނާ އަށް ވަނީ ބޭސް ދީ، ގެއަށް ފޮނުވާލާފައި ކަމަށްވެސް އޭނާގެ ފޭސްބުކް ޕޯސްޓުގައި ލިޔެފައިވެއެވެ. އަދި ބޭސް ކެއުމުން ވެސް ރަނގަޅު ނުވާ ކަމަށާއި، ދުވަހުން ދުވަހަށް ވަނީ ގޯސް ކަމަށްވެސް ވަނީ ބުނެފައެވެ.

އޭނާ އިތުރަށް "އައްޑޫލައިވް" އާއި ހިއްސާ ކުރި ގޮތުގައި މިއަދު ވެސް ފްލޫ ކްލިނިކަށް ގުޅުމުން ރުންކުރު ގޮތަކަށް "ޓެސްޓު ކުރެވޭނީ ހަމަ އެކަނި ދަތުރު ކޮށްފައިވާ މީހުން" ކަމަށް ބުނެފައިވާ ކަމަށެވެ. އަދި މިހާރު އޭނާގެ ބައްފަ އާއި ދަރިފުޅު ގެ ކިބައިންވެސް އަލާމާތްތައް ފެންނަ ކަމަށް އޭނާ ވަނީ ހާމަ ކޮށްފައެވެ.

މިކަމާއި ގުޅިގެން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފްސާދާތު (ސާތު)ގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. ނަމަވެސް ހެލްތު ޕްްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާނު ވިދާޅުވިގޮތުގައި ދަތުރު ކޮށްފައި ނުވިނަމަވެސް (ޓްރެވަލް ހިސްޓަރީ) އެއް ނެތް ނަމަވެސް، ބަލީގެ އަލާމާތް ހުރެގެން ފްލޫ ކްލިނިކަށް ދެއްކުމުން ސާމްޕަލް ނަގައި ޓެސްޓު ކުރަން ވާނެއެވެ.

އައްޑޫ އިން ކޮމިއުނިޓީ ސްޕްރެޑެއްގެ އަލާމާތެއް އަދި ފެނިފައި ނުވި ނަމަވެސް، ފުރަބަންދު ކަރަންޓީނުގައި ތިބި ތިން ފަރާތެއް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.